ޚަބަރު

ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮޓްލައިނެއް ތައާރަފު ކޮށްފި

މަރިޔަމް ޝަހުދާ

ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮޓްލައިން ނަންބަރެއް މޯލްޑިވްސް ރެޑް ކްރެސެންޓް، އެމްއާރުސީ އިން ތައާރަފު ކޮށްފި އެވެ.

އެމްއާރުސީން ވަނީ ނަފުސާނީ އަދި އިޖުތިމާއީ އެހީ ތެރިކަން ބޭނުންވާ މީހުން ހޮޓްލައިން ނަންބަރު 1425 އަށް ގުޅުމަށް އެދިފައެވެ.

ކުއްލި ހާލަތްތަކުގައާއި ކާރިސާތަކުގައި، ކަންބޮޑުވެ ދެރަވާ ފަދަ ކަންތައްތައް ކުރިމަތިވާނެ ކަމަށާއި މިފަދަ ކަންކަމުން އަރައިގަތުމަށް އެހީ ހޯދަން ޖެހޭނަ ކަމަށާއި، އެހީ ބޭނުންވާ ހާލަތުގައި ލަސްނުވެ ހޮޓްލައިން ނަންބަރަށް ގުޅުމަށް އެޗްއާރުސީން އެދެއެވެ.

ހޮޓްލައިން ނަންބަރުގެ އެހީތެރިކަން ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 12:00 އިން ހަވީރު 5:00 އަށް ކަމަށާއި އެދުވަސްތަކުގައި ރޭގަނޑު 8:00 އިން މެންދަމު 12:00 އާއި ހަމައަށް މި ހޮޓްލައިން ނަންބަރުން ހިދުމަތް ދޭނެ ކަމަށް އެޗްއާރުސީން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު، ގިނަ ދުވަސްތަކެއް ވާންދެން ލޮކްޑައުންގައި ތިބެން ޖެހުމުން އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކޮށްފައެވެ. މީގެ އިތުރުން މިހާލަތުގެ ގޮތުން އެހީތެރިކަމަށް ޖެހިފައިވާ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ.