ކަރަލުގެ ދަނޑިވެރިކަމަށް މަޝްހޫރު އއ. ތޮއްޑޫ އިން ވެރިރަށް މާލެއަށް 67 ޓަނުގެ ކަރާ ފޮނުވައިފިއެވެ.
ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ "ވަން"އަށް މިރޭ ވިދާޅުވީ، އެ ރަށުން 67 ޓަނުގެ ކަރާ ބަރުކޮށްގެން ދެ ދޯނި ރޭ މާލެއަށް އައިސްފައިވާ ކަމަށެވެ.
"ރޭ ވަނީ މިރަށުން ދެ ދޯނި ކަރާ ބަރުކޮށްގެން ވަނީ މާލެ ގޮސްފައި. އޭގައި 67 ޓަނުގެ ކަރާ ހުންނާނެ. އަދި ކަރާގެ އިތުރުންވެސް ބައެއް ކަހަލަގެ ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތައް ހުންނާނެ،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، މާލޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެރަށުގެ ކައުންސިލުން ނިންމާފައިވަނީ ރަށުން ތަރުކާރީއާއި މޭވާ ފޮނުވުމަށް ކޮންމެ ދޯންޏަކަށް ވެސް ހަފްތާއަކު އެއް ދަތުރު ދިނުމަށް ކަމަށެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ، ރަމަޟާން މަހަށް ދަތި ނުވާވަރަށް ތޮއްޑޫއިން ކަރާ ލިބޭނެ ކަމަށާއި މާލޭގެ އިތުރުން އަތޮޅުތެރެއިން ކަރަލާއި އެނޫންވެސް ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެރަށުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އެގޮތުން މިހާރުވެސް އަތޮޅުތެރޭގެ ބައެއް ރަށްރަށަށް އެރަށުން ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތައް ފޮނުވާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
އާބާދީގައި 2،040 މީހުން އުޅޭ ތޮއްޑޫގެ 90 އިންސައްތަ މީހުންނަކީ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހުންނެވެ. ދަނޑުވެރިކަމުގެ އިތުރުން ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމްވެސް ފައްކާވަމުން އަންނަ ރަށެކެވެ.