ޚަބަރު

ޝައިނީ، އަދީބާ ބައްދަލުކުރައްވައިފި

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ބައްދަލުކުރައްވައިފިއެވެ.

ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބާ ބައްދަލުކުރެއްވީ ފިނިފެންމާ ލޯންޗުކޮޅުގައި ގޮއްވާލައި އޭނާ އަވަހާރަކޮށްލަން އުޅުނީ ކާކުތޯ ބެލުމަށް ކަމަށެވެ.

"ގިނަ ދުވަސްތަކަކަށްފަހު އަދީބާ ބައްދަލުވެއްޖެ. އަދީބާ ބައްދަލުކުރީ ލޯންޗު ގޮއްވާލި ހާދިސާގައި އަޅުގަނޑު މަރާލަން އުޅުނީ ކާކުތޯ ބަލައި އޮޅުންފިލުވުމަށް. އަދީބުގެ ޖަވާބު ގަބޫލުކުރެވޭ،" ޝައިނީ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 27ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް އަނިޔާވެފައިވެއެވެ. އެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި އިރު، އެ ލޯންޗުކޮޅުން ރައީސް ޔާމީނާއި ފާތިމަތު އިބްރާހީމްގެ އިތުރުން ޝައިނީ ވެސް ދަތުރުކުރެއްވިއެވެ.

ގިނަ ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ޑޮކްޓަރުގެ ލަފަޔާއެކު އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.