ޚަބަރު

ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް އެޗްއާރުސީއެމުން މައުލޫމާތު އެއްކުރަން ފަށައިފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މައުލޫމާތު އެއްކުރަން ފަށައިފިއެވެ.

އެޗްއާރުސީއެމުން މިއަދު ކުރި ޓުވީޓެއްގައި ވަނީ މި މަސައްކަތުގައި އާންމުންގެ އެހީއަށް އެދިފައެވެ. އެގޮތުން އޮންލައިންކޮށް ފޯމެއް ފުރައިގެން ވީހާވެސް ގިނަ މީހުން އެ ކޮމިޝަނާ މައުލޫމާތު ހިއްސާކޮށްދިނުމަށް އެޗްއާރުސީއެމުން އެދިފައިވެއެވެ.

ކޮވިޑް 19 އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށް، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމާއެކު ގިނަ ބަޔަކަށް ވަނީ އެކި ދަތިތަކާ ކުރިމަތިވެފައެވެ. އަދި ކޮވިޑް 19ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާއަށް އަސަރުކޮށް، ދިރިއުޅުމުގެ ހާލަތަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.

މިކަމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިހާލަތުގައި ކުލި ދެއްކޭ ވަރުގެ މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްއާރުސީއެމުން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ. އަދި ކުލި ނުދެއްކިގެން ގެއިން ނެރި، ނުވަތަ ހާލުގައި ޖެހިފައިވާ މީހުންގެ މައްސަލަ އެޗްއާރުސީއެމަށް ހުށަހެޅުމަށް ވެސް އެ ކޮމިޝަނުން މީގެ ކުރިން އެދިފައިވެއެވެ.