ޚަބަރު

ވިއްސާރައިގައި ގެއްލުންވި ގެތަކުން 52 ގެއެއް އެސެސްކޮށްފި

އަހުމަދު ޖައިޝަން

މިދިޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކުގެ ތެރެއިން 52 ގެއަކަށް ޒިޔާރާތްކޮށް އެ ގެތަކުގެ އެސެސްމެންޓް ހަދާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރުން ބުނެފި އެވެ.

ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލް ހިސާން ހަސަން ވިދާޅުވީ މިހާރުވެސް ގެއްލުންތައް ލިބިފައިވާ ގެތަކުގެ އެސެސްމެންޓް ހަދަމުން ގެންދާ ކަމަށެވެ.

ހިސާން ވިދާޅުވީ އެ ހާދިސާގައި 196 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"ބާކީ ހުރި ގެތަކަށް ޑިޒާސްޓާ މެނޭޖްމެންޓްގެ ޓީމްތަކުން މިއަދު ގޮސް ފޯމްތައް ފުރިހަމަ ކުރާނެ،" އޭނާ ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ ޖަންގުޝަންތަކުން ނަޖިސް ލީކުވުމާއި، ކަރަންޓްްގެ މައްސަަލަތަކާއި، ކަރަންޓް ސަމާނާއި ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރަށް ލިބުނު ގެއްލުން ތައް ކަމަށް ހިސާން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިވަގުތުވެސް އެ މެނޭޖްމެންޓުގެ ބެލުމުގެ ދަށުގައި ވިއްސާރައިގައި ހާލުގައި ޖެހުނު އާއިލާއެއް އެބަ ތިބި ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެ އާއިލާވެސް ގެއަށް ބަދަލުކުރެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.