ރާއްޖެއިން ކޮވިޑް 19 ޖެހުނު އިންޑިއާގެ މީހުންނަށް އިންޑިއާގެ ހައި ކޮމިޝަނުން ކެއާ ޕެކޭޖު ފޮނުވަން ފަށައިފިއެވެ.
ރާއްޖޭގައި 25،000 އެއްހާ އިންޑިއާ މީހުން އުޅޭއިރު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި 11 މީހަކު ހިމެނެއެވެ. އަދި އެމީހުން މިހާރު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ޝްރީ ރޯހިތު ރަތިޝް "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވްވި 11 މީހުންގެ ތެރެއިން ހަތް މީހަކަށް މިހާރު ކެއާ ޕެކޭޖު ފޮނުވާފައިވާ ކަމަށާއި ބާކީ ތިބި މީހުންނަށް ވެސް ޕެކޭޖު ހަވާލުކުރާނެ ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަނުން ދޭ މި ޕެކޭޖުގައި ހިމެނެނީ ޒަރޫރީ ކަންކަމަށް ބޭނުންވާ ތަފާތު ތަކެއްޗާއި ލުއި ކާނާ ކަމަށް ރޯހިތު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 188 އަށް އަރާފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ.
ބަންގުލަދޭޝްގެ 84 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ދިވެހިންގެ ތެރެއިން ބަލި ޖެހިފައިވަނީ 76 މީހަކަށެވެ. ދެން ހިމެނެނީ އިންޑިއާގެ 11 މީހުންނާއި ސްރީލަންކާގެ ދެ މީހަކާއި އިނގިރޭސިވިލާތާއި ޖަރުމަނުން އެކަކެވެ.
ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 17 މީހެކެވެ.