ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިންގުން ހަރުދަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް އިދިކޮޅު ކޯލިޝަނުން ރައީސުލްޖުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ހާލަތު އިތުރަށް ގޯސްވުމުން ފައިސާ ޗާޕްކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ (ހ، ރ، ބ) އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށް މިހާރު ދައުރުވަމުންދާ ފައިސާގެ ތެރެއަށް 4.4 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ނިންމަވާފައިވާތީ އެކަމާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން މިމަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖޭގެ ހާލަތު ބަޔާންކޮށް ނެރުނު ރިޕޯޓުގައި ސަރުކާރުގެ ޑެފިސިޓް ގެޕް ފޫބައްދަން ފައިސާ ޗާޕުނުކުރުމަށް ގޮވާލާފައިވާއިރު އޭގެ ހަފްތާއެއް ކުރިން މާލީވަޒީރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ރާއްޖޭގެ މިހާލަތަށް ފައިސާ ހޯދުމުގައި އައިއެމްއެފް ކޯޓާ އެކްސަސައިޒް ކޮށްފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވާ ކަމަށާއި އައިއެމްއެފްގެ ބޯޑުން ރާއްޖެއަށް ދޭ 20 މިލިއަން ޑޮލަރުގެ ލޯނު އެ ފަންޑުގެ ބޯޑުން އެޕްރޫވް ކޮށްދީފައިވާ ކަމަށްވެސް އަމީރު ވިދާޅުވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޯލިޝަނުން ބުނީ ފައިސާ ޕްރިންޓު ނުކުރުމަށް ނުވަތަ ސަރުކާރުގެ ޑެފިސިޓް ފޫބެއްދުމަށް، ސެންޓްރަލް ބޭންކުން މަނިޓަރައިޒް ނުކުރުމަށް ގޮވައިލުމުގެ މަގުސަދަކަށް ވާނީ ސަރުކާރުގެ އިސްރާފު ކުޑަކޮށް، ހަރަދު ކުޑަކޮށް، ސިޔާސީ މަގާމުތަކާއި، އިތުރުކޮށްފައިވާ މުއައްސަސާތަކުގެ ހަރަދާއި މިއަހަރުގެ ބަޖެޓް ފާސްކުރި އިރު ތަފާތު ކޯޑުތަކަށް އެލޮކޭޓް ކޮށްފައިވާ ފައިސާ މިވަގުތު ބޭނުން ޖެހިފައިވާ ކަންކަމަށް ހަރަދު ކުރުމަށް ކަމަށެވެ.
މީގެ އިތުރުން އެ ކޯލިޝަނުން ބުނީ މިއަދާ ހަމައަށް ވެސް ދައުލަތަށް ލިބިފައިވާ އާމްދަނީ އެއްވެސް ގޮތަކަށް ފެންނަން ނެތުމާއި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ބަޖެޓު މެނޭޖުކުރުމުގެ ޒިންމާ ފިނޭންސް މިނިސްޓަރަށް އަދާކުރެވިފައިވާކަން އެކޯލިޝަނުން ގަބޫލު ނުކުރާ ކަމަށެވެ.
މަޖިލީހަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް އެމްއެމްއޭގެ ގަވަރުނަރު އުޒުރުވެރިވެފައިވާކަން ގަބޫލު ކުރެވޭ ކަމަށާއި މާލީވަޒީރާއި އެމްއެމްއޭގެ އިހުމާލުން ރާއްޖެ ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވެދާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ޒަމާނުއްސުރެ ރައްޔިތުން އެމްއެމްއޭއަށް ކުރަމުން އައި އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މިހާރުން މިހާރަށް ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގެ ހިންގުން ހަރުދަނާ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދެއްވުމަށް އެކޯލިޝަނުން ވަނީ ރައީސް ސޯލިހަށް އިލްތިމާސްކޮށްފައެވެ.