ޚަބަރު

ސަރުކާރުން ފޮނުވާ މައްސަލަތައް މަޖިލީހުގައި ތާށިކުރުން މިއީ އެމްޑީޕީގެ އެތެރޭގެ ބަޣާވާތެއްބާ؟: ރީކޯ މޫސަ

1

އެމްޑީޕީގެ މެޖޯރިޓީ އޮތް ސަރުކާރުން ފޮނުވާ މައްސަލަތައް އެޕާޓީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއްގައި ތާށިކުރުމަކީ އެމްޑީޕީގެ އެތެރޭގެ ބަޣާވާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސިފަކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ، މޫސާ މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ މަޖިލިސް ރައީސް އަބްދުﷲ މަސީހުގެ ރިޔާސަތުގައި މަޖިލީހުގައި ތާށި ކުރާ ކަމަށް ތުހުމަތު ކުރަނީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ފޮނުވާ މައްސަލަތައް ކަމަށާއި ނަމަވެސް މިހާރު މަޖިލީހުގައި ތާށިކުރަނީ ސަރުކާރުން ފޮނުވާ މައްސަލަތައް ކަމަށެވެ.

"މެޖޯރިޓީ އަކީ ސަރުކާރެވެ. އެމްޑީޕީގެ އެތެރޭގެ ބަޣާވާތެއްބާއެވެ." މޫސަ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިންނަވައިގެން ސަރުކާރުން ފޮނުވާ މައްސަލަތައް މަޖިލީހުގައި ތާށިކުރާ ކަމަށް މޫސަ ވިދާޅުވެފައިވާއިރު ކޮވިޑާ ގުޅިގެން ދިމާވެފައިވާ އިގްތިސޯދީ ދަތިކަމުގެ ސަބަބުން ދައުލަތުން ހަރަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރަށް ފައިސާ ނެގުމަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާކުރުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅާފައިވާ މައްސަލަ މިއަދު ވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް އެކަން ފާސްނުކޮށް ގަސްދުގައި ދިގުދެންމިކަމުގެ ތުހުމަތު ވަނީ ރައީސް މުހައްމަދު ނަޝީދަށާއި މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ކޮށްފަ އެވެ.

އެ މައްސަލަ ފާސްކުރި ނަމަވެސް މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟