ޚަބަރު

ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 2000 ރުފިޔާއިން މައްޗަށް!

އަލީ ޔާމިން

ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރެއްގައިވެސް ތަކެތީގެ އަގު އުފުލެއެވެ. ހާއްސަކޮށް ތަރުކާރީއާ މޭވާގެ އަގެވެ. އޭގެ ތެރޭންވެސް އަގު އުފުލުމުގައި އެންމެ މަޝްހޫރު ބާވަތަކީ ގިތެޔޮ މިރުހެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގައިވެސް އެންމެ ބޮޑަށް އަގު އުފުލިފައިވާ އެއް ބާވަތަކީ ކަނޑޫދޫ މިރުހެވެ.

މާލެ ލޮކްޑައުންކުރުމާއެކު މާލެއަށް މިރުސް ގެނައުމުގައި ކަނޑޫދޫގެ ދަނޑުވެރިންނަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް، ގަވައިދުން މާލެއަށް މިރުސް ވިއްކާ ބައެއް ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލޮކްޑައުންއާ ގުޅިގެން ވެފައިވެއެވެ. ކަނޑޫދޫން މާލެއަށް ފޮނުވާ މިރުހުގެ އަދަދު މަދުވުމުގެ ނަތީޖާއަކީ މިރުހުގެ ކަޅު ބާޒާރެއް އުފެދި މާލޭގައި މިރުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމެވެ. އެގޮތުން މާލޭގެ ބައެއް ވިޔަފާރިވެރިން 2300 އާއި 2500 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަނޑޫދޫ މިރުސް ވިއްކަމުން އެބަދެއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލުގެ ރައީސް އަލީ ނާސިހް ވިދާޅުވީ، މާލޭގައި ކަނޑޫދޫ މިރުހުގެ އަގު 2500 އަށް އެރިނަމަވެސް ކަނޑޫދޫން މިރުސް ކިލޯއެއް މިހާރުވެސް ވިއްކަމުން އަންނަނީ 700 އާއި 800 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށެވެ. އަދި ރަށުން ހެޔޮ އަގުގައި މިރުސް ގަނެގެން މާލޭގައި މިރުހުގެ ކަޅު ބާޒާރެއް އުފެއްދުމަކީ ބަޔަކު މީހުން އަމިއްލަ މަންފާއެއް ހޯދުމަށް ކުރަމުން އަންނަ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށްވެސް ނާސިހް ވިދާޅުވިއެވެ.

"ހަގީގަތުގައި މީ ވަރަށް ދެރަކަމެއް. އަޅުގަނޑުމެން ރަށުން މިހާރުވެސް މިރުސް އެބަލިބޭ 700 އާއި 800 ރުފިޔާއަށް. އެންމެ ރީތި މިރުސްވެސް މިއުޅެނީ 800 އަށް. ދެން އަގުތައް މާލޭގައި ބޮޑު މިވަނީ މިރަށުން މިރުސް ގަނެގެން މާލެ ގެންދާ ބައެއް ވިޔަފާރިވެރިން އަމިއްލަ މަންފާއެއް ހޯދުމަށް ކަޅު ބާޒާރެއް އުފެއްދުމުން. މިއީ ކޮށްގެންވާނެ ކަމެއް ނޫން" ނާސިހް ވިދާޅުވިއެވެ.

ނާސިހް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި މިރުހުގެ އަގު އިންތިހާއަށް ބޮޑުކޮށްގެން ވިއްކުމުގެ ސަބަބުން ގިނަ ބައެއްގެ ނަފުރަތާއި ނުރުުމުގެ ބަސްތައް އަމާޒުވަނީ ކަނޑޫދޫ ދަނޑުވެރިންނަށް ކަމަށާއި، ނަމަވެސް އެކަމުގައި ދަނޑުވެރިންގެ އެއްވެސް އިހުމާލެއް ނެތްކަމަށެވެ. އެގޮތަށް އަގުބޮޑުކޮށް މިރުސް ވިއްކާ ވިއްކުން ކައުންސިލުގެ ރައީސްގެ ހައިސިއްޔަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ނާސިހް ވިދާޅުވިއެވެ.

ކަނޑޫދޫގައި މިރުސް ހައްދާ ދަނޑުވެރިއެއް "ވަން"އަށް މައުލޫމާތު ދެމުން ބުނީ، ކަނޑޫދޫން 700 މިރުސް ކިލޯއެއް ލިބެން ހުންނައިރު އޭގެން 200 ޕަސަންޓް ފައިދާ ލުމަށް ފަހު މާލޭގައި 2500 ރުފިޔާއަށް މިރުސް ވިއްކުމަކީ ދަނޑުވެރިންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަނޑުވެރިން ވަރަށް ބޮޑަށް ބަދުނާމު ވާ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިކަން މިގޮތަށް ކުރާތީ ހުރިހާ އިލްޒާމެއް މިއެޅެނީ އަޅުގަނޑުމެން ދަނޑުވެރިންގެ ބޮލުގައި. ނަމަވެސް ހަގީގަތަކީ އަޅުގަނޑުމެންގެ ރަށުން 700 އަށް މިރުސް ކިލޯއެއް ލިބޭކަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހާ ބޮޑު އަގެއްގައި މިރުސް ވިއްކާކަށް" އޭނާ ބުންނެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ކަނޑޫދޫގައި މިރުސް މަދުވިނަމަވެސް މިއަހަރުގެ ރަމަޟާން މަސް ނިމެންދެން ކަނޑޫދޫން މިރުސް ކިލޯއެއް 700 އާ 800 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބޭނެ ކަމަށް ކަނޑޫދޫ ކައުންސިލުން ބުނެފައި ވެއެވެ.