ދިވެހި ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ދާއިރާ ނުވަތަ އޭވިއޭޝަން ދާއިރާގައި މިހާރު މަސައްކަތް ކުރަމުން ގެންދާ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނަހުލާ މިއަދު ދެއްވި ޚިތާބުގައި ވިދާޅުވީ ގާއިމުކޮށްފައިވާ ގަވާއިދު ތަކާއި އުސޫލުތައް އަދި ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމުގެ ބަދަލުގައި ނުފޫޒު ބޭނުންކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް ދެކެވޭ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.
"އެހެންކަމުން، ކޮންމެ ފަރާތަކުންވެސް އެއްވެސް ކުލައަކަށް ބެލުމެއްނެތި ޔަގީން ކުރަން ޖެހޭ ކަމަކީ ގާއިމު ކުރެވިފައިވާ ގަވާއިދުތަކާއި އުސޫލުތައް އަދި ނިޒާމްތަކުގެ ތެރެއިން ހުއްދަތައް ހޯދުމުގެ ހުރިހާ ފުރުސަތުތަކެއް ހުޅުވާލެވިފައިވާ ކަމެވެ." ޚިތާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ވަކި ފަރާތަކަށް ނިސްބަތްވުން ނުވަތަ ވަކި ފަރާތެއްގެ ނުފޫޒު ބޭނުން ކުރުމުގެ ބަދަލުގައި ނިޒާމުގެ ތެރެއިން ކުރިއަށް ދިއުމަކީ އެންމެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ވައިގެ ދަތުރުފަތުގެ ދުވަހާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ދާއިރާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
އޭގެތެރޭގައި އެތެރޭގެ އުދުހުންތައް އަގުހެޔޮ ކުރުމާއި ދަތުރުފަތުރުގެ ނިޒާމާ ގުޅުންހުރި ވައުދުތައް ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.