އިބްރާހިމް ޒަކީ
ކޮވިޑް 19 ގެ މިހާލަތުގައި ގައުމުގެ އިގްތިސޯދު އިނދަޖެހި، ހަރަދުކުރަން ބޭނުންވާ ފައިސާ ސަރުކާރަށް ހޯދުމަށް، ފަނޑިޔާރުންނާއި ސިަރުކާރުގެ ސިޔާސީ ހުރިހާ މަގާމުތަކެއްގެ މުސާރަތައް 20،000 ރުފިޔާއާ ހަމައަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.
ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގުތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް ސަރުކާރަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ނެގުމުގެ ހުއްދައަކަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ވާހަކަދައްކަަވަމުން އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު ސަލީމް ވިދާޅުވީ، ކުރީގެ ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ހޭދަކުރާ ފައިސާގެ އަދަދުވެސް ކުޑަކުރަންޖެހޭ ކަމަށެވެ.
މިހާލަތަށް ދިޔައީ ވިސްނުންތެރިކަމާއެކު ސަރުކާރުން ކަންކަން ނުކުރުމުން ކަމަށެވެ.
މިދަނޑިވަޅުގައި އަދިވެސް ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި، މިހާރު ހިނގަމުންދާ މަޝްރޫއުތައްވެސް ހުއްޓާލަން ޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވީ، މިއަހަަރަށް ކަނޑައަޅާފައިވާ މަޝްރޫއުތައް މިހާލަތުގައިވެސް ކުރިއަށްދާނެ ކަމަށް ފިނޭންސް މިނިސްޓަރު މީގެކުރިން ވިދާޅުވި ކަމަށެވެ. ނަމަވެސް މިހާރު ވިދާޅުވަނީ މިއަހަރަށް ކަނޑައަޅާފައިވި ނަމަވެސް ނުފެށިވާ މަޝްރޫއުތައް ކުރިއަށް ނުގެންދޭވެނެ ކަމަށެވެ. އަދި މިހާރު ފަށާފައިހުރި މަޝްރޫއުތައްވެސް ކުރިއަށް ގެންދެވޭވަރަށް ގައުމުގެ ހާލަތު ރަނގަޅު ނޫންކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ގައުމު މިހާރު އޮތް ހާލަތު ސާފުކޮށް އެނގެން ޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވީ މިއަހަރަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ފިނޭންސް މިނިސްޓަރު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު އެލަފާކުރައްވާ މިންވަރަށް އާމްދަނީ ނުލިބޭނެކަން ދުނިޔޭގެ ކަންތައް ދާގޮތުން އެނގޭކަމަށެވެ.
އޭނާ ވިދާޅުވީ، މިހާލަތުގައި ބަލަން ޖެހޭނީ، މުވައްޒަފުންނަށް މުސާރަދިނުމާއި، ޖަލު މީހުންނަށް ކާންދިނުމާއި، ކަރަންޓީނުގައި ތިބޭ މީހުންނަށް ކާންދީ އާއްމުން ހާލުގައި ނުޖެހި ގައުމު ބަނގުރޫޓުވިޔަ ނުދިނުމަށް ކޮންމެހެން ކުރަންޖެހޭ، އެތެރޭގެ ހަރަދުތައް ކުރުމަށް ކަމަށެވެ.
މިއަހަރު މިހާލަތު އޮތްއިރު އަންނަ އަހަރަށް އޮތް ހާލަތު އަދި އެނގެން ނެތް ކަމަށާއި، މި ދަނޑިވަޅުގައި ބަޖެޓް ކުޑަކޮށް ހަރަދު ކުރާނެ އާ ބަޖެޓެއް ފިނޭންސް މިިނިސްޓަރު ހުށަހަޅަން ޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
އެގޮތުން ސަލީމް ވިދާޅުވީ، މިއަހަރަށް 20 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހޭ ކަމަށާއި، ނުވަތަ 2013 ވަނަ އަހަރު ހުށަހެޅިވަރުގެ 17 ބިލިޔަން ގެ ބަޖެޓަކަށް ދާންޖެހޭ ކަމަށެވެ.