ލޮކްޑައުންއާ ގުޅިގެން އިއްޔެ 85 މީހެއް ޖެންޑާ މިނިސްޓްރީއަށް މައްސަލަ ރިޕޯޓުކޮށް އެހީތެރިކަމަށް އެދިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ އިއްޔެ އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ މައްސަލަތައް އާންމުކޮށްފައެވެ.
އެގޮތުން އެންމެ ގިނަ މީހުން މައްސަލަ ހުށަހަޅާފައިވަނީ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ކަމަށް މިިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި 76 މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ކާބޯތަކެތީގެ އެހީތެރިކަމަށް އެދި ހަތަރު މީހަކު މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެދި އެކަކު އަދި މަސްތުވާތަކެއްޗާ ގުޅުން ހުރި އެކަކު ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެހެނިހެން އެކި ކަންކަމާ ގުޅިގެން ތިން މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ލޮކްޑައުންގެ ހާލަތުގައި އެމިނިސްޓްރީން ވަނީ ބޯހިޔާވަހިކަން ބޭނުންވާ 136 މީހަކަށް ވަގުތީ ހިޔާތަކުން އިންތިޒާމު ހަމަޖައްސައިދީފައެވެ.