ޚަބަރު

ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރި އަލީ ސޯލިހު ދުއްވި ކާރަކުން ޖެހި ޒުވާނަކު ޒަޚަމްވި މައްސަލައެއް ފެންމަތިވެއްޖެ

އަހުމަދު ޖައިޝަން

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އައްޔަންކުރެއްވި އަލީ ސޯލިހު އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ، ދުއްވަން އިން ކާރަކުން ޖެހި އެކްސިޑެންޓްވެ، ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މައްސަލަ ފެންމަތިވެއްޖެއެވެ.

އެކްސިޑެންޓުގެ މައްސަލައެއް ފެންމަތި ވުމާ ގުޅިގެން އަލީ ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ޕޮލިހަށް ދޭން ޖެހޭ އެއްބާރުލުން ވަނީ ދެއްވާފައި ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ އެކްސިޑެންޓު ވުމުގެ ސަބަބުން ސައިކަލު ދުއްވަން އިން މީހާ އެ މައްސަލަ ޖައްސަން ބޭނުން ނުވެ ޒުވާނާއަށް ފަރުވާ ދިނުމަށް އެދުނު ކަމަށެވެ.

އެގޮތުން އޭނާގެ ބޭސްފަރުވާއަށް އެހީތެރިވަމުންދާ ކަމަށާއި މާލެ ގެނައުމަށް ޓިކެޓުވެސް ގަނެދީފައިވާ ކަމަށް ސޯލިހު ވިދާޅުވިއެވެ.

އެ ހާދިސާގައި ސައިކަލަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ. ސޯލިހު ވިދާޅުވީ ސައިކަލު ހަދަން ވެސް ހަވާލުވެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ އެކި ކަހަލަ ވާހަކަތައް ފަތުރަމުންނެވެ. އެ ގޮތުން އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މާލެއަށް ގެނައުމަށް އަލީ ސޯލިހު އެހީނުވާ ކަމަށާއި މިހައިތަނަށް އައި އިރު ހޮސްޕިޓަލަށް ވެސް ވަދެލާފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.