ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ކޮމަންވެލްތުގައި ބައިވެރިވާން އެދޭ ކަމުގެ ސިޓީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވަވައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑަށް، ރައީސް ސޯލިހު ވަނީ ސިޓީފުޅެއް ފޮނުއްވާފައި ކަމަށެވެ.
ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ކޮމަންވެލްތާ އަލުން ގުޅެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ނިންމައި އެކަން އިއުލާންކޮށްފައި ވަނީ މިދިޔަ މަހު 19 ގައެވެ.
ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ ރައީސް ސޯލިހުގެ ވެރިކަމުުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ކަނޑައަޅާފައިވާ ކަމެކެވެ.
ރާއްޖެ ކޮމަންވެލްތުން ވަކިވީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. އަދި އެ ޖަމިއްޔާއިން ރާއްޖެ ވަކިވީ އެކި ކަހަލަ ކަންތައްތަކުގައި ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިކުރުވާ ކަމަށް ބުނެއެވެ.
ކޮމަންވެލްތުން ވަކިވުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އަދި ކޮމަންވެލްތުން ރާއްޖޭގެ ކަންކަމާ ބެހި ބޭއިންސާފުން ފިޔަވަޅު އަޅަމުން ދިއުމަކީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ސަބަބު ކަމަށެވެ.