އައްޑޫ ސިޓީގައި ހަވީރު ގަޑީގައާއި އެހެން ގަނޑިތަކުގައި ޒަރޫރީ ބޭނުމެއް ނެތި ދުއްވަން ނުކުތުމަކީ މަނާ ކަމެއް ކަމަށާއި އެއާ ހިލާފުވާ މީހުން 5000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރަމަޟާން މަހަކީ އާންމު ގޮތެއްގައި ގިނަ ބަޔަކު ހަވީރު ގަޑީގައި ހަވީރު ފިންޏަށް ދުއްވުމަށް ނުކުމެ އުޅޭ ދުވަސްވަރެއް ނަމަވެސް ކޮވިޑާ ގުޅިގެން ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އުޅުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން ހަވީރު ގަޑީގައާއި އެހެން ގަޑިތަކުގައި ވެސް ޒަރޫރީ ބޭނުމެއް ނެތި ދުއްވަން ނުކުމެ އުޅޭ މީހުންނާ މެދު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ.
އޭގެ އިތުރުން އަމިއްލަ ތަންތަނާއި އާންމު ތަންތަނުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭ އިން އަންގާފައިވާތީ އެއާ ހިލާފަށް ޕާކުތަކާއި ފިނިމައިޒާންތަކާއި ޖޯލިފަތިތަކުގައި ތިބޭ މީހުންނާއި އެ ސިޓީގެ ފިހާރަތަކާއި ހޮޓާ އަދި ރެސްޓޯރެންޓުތައް އާންމުކޮށް ހުޅުވައި ވިޔަފާރިކުރުމާއި ޓޭކްއަވޭ ހެދުން މަނާކޮށް ނެރެފައިވާ އިއުލާނާ ހިލާފުވާ ފަރާތްތައް ވެސް އެ އަދަދުން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީގެ އިއުލާނުގައި ބުނެފައިވެއެވެ.