ޚަބަރު

ށ. އަތޮޅުގެ ފަސް ރަށަކާއި ނ. ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ށ. ނަރުދޫ އާއި ށ. ފުނަދޫ އާއި ށ. މިލަންދޫ އާއި ށ. ފީވަކާއި ށ. މާއުނގޫދޫ އަދި ނ. ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެ ރަށްތައް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، މިއަދު ވަނީ ށ. ނަރުދޫގައި ހުރި މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.

ވަން "އަށް ކަށަވަރުވެފައިވާ ގޮތުގައި ނަރުދޫން ބައްޔަށް މިއަދު ޕޮޒިޓިވްވެފައިވަނީ، މާލެ ދަތުރު ކުރާ ނަރުދޫ އަމާޒު ބޯޓުގެ ކައްޕިއެވެ. އެ ބޯޓު މީހުންނާއި، މުދަލާއެކު މާލެއިން ފުރާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު 3:00 ހާއިރެވެ. އެއީ މާލެއިން ބައްޔަށް މީހަކު ޕޮޒިޓިވްވެ މާލެ ލޮކްޑައުން ކުރުމުގެ ބައިގަޑިއިރެއްހާއިރު ކުރިންނެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުން 150 އެއްހާ މީހުން ވަނީ ދަތުރުކޮށްފައެވެ. އަދި އެ ބޯޓު ނަރުދުއަށް ގޮސްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ނަރުދުއަށް ދިއުމުގެ ކުރިން އެ ބޯޓު ވަނީ ށ. މިލަންދޫ ށ. ފުނަދޫ އަދި ށ. ފީވަކަށް ވެސް ޖައްސައިފައެވެ. އެ ބޯޓުން އެ އަތޮޅުތަކުގެ މީހުންގެ އިތުރުން ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންވެސް ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.

އެ ރަށްތަކުގެ އިތުރުން އަށް ރަށެއް މިހާރު ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ މާލެ ސިޓީ، ކ. ގުރައިދޫ، ބ. ފުޅަދޫ، ދ. ކުޑަހުވަދޫ، ކ. ތުލުސްދޫ، ކ. ކުޑަ ވިލިނގިލި، ކ. ތުޅާގިރި އައިލެންޑް ރިސޯޓު އަދި ހއ. އުލިގަމެވެ.