ޚަބަރު

ފުޅި އަޅައިގެން ފީނަން ގޮސް އުޅުނު މީހަކު މަރުވެއްޖެ

އަހުމަދު ޖައިޝަން

ގދ. ގައި އޮންނަ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯންޏަކުން އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހެއްގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

ފީނަން ފައިބައި އުޅެނިކޮށް ހާލު ދެރަވި މީހުންގެ ތެރެއިން 37 އަހަރުގެ ފިރިހެނެއް މަރުވެފައިވާ ކަން "ވަން އޮންލައިން" އަށް ވަނީ ކަށަވަރުވެފައެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ކޮށްފައި ވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ފަތިހު 5:14 ހާއިރުއެވެ. މިކަމުގެ ރިޕޯޓް ލިބުމާ އެކު ގދ. ތިނަދޫ ސީ އެމްބިއުލާންސް ވަނީ މި ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަވި ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންގޮސްފައެވެ.

އެ މީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ފީނަން ފޭބި ތިން މީހުންނަކީ ވެސް ދިވެހިންނެވެ. މި މީހުންގެ ތެރޭގައި 37 އަހަރުގެ މީހާ ފިޔަވައި ދެން ހިމެނެނީ 24 އަހަރު އަދި 31 އަހަރުގެ މީހެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އުމުރުން 24 އަހަރުގެ ޒުވާނާ ހާލު ދެރަވެގެން އިތުރުފަރުވާއަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އެމްއެންޑީއެފން މައުލޫމާތު ދެއެވެ. އަދި 31 އަހަރުގެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.