ކުރީގެ ރައީސް، ރައީސް އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކޮށްދިނުން އަވަސް ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ޕްރޮގްރޮސިވް ކޮންގްރެސް ކޯލިޝަނުން، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިސް(އެޗްއާރްސީއެމް)އަށް ގޮވާލައިފި އެވެ.
ޕްރޮގްރޮސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ހަމައެކަނި ލީޑަރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ހުންނަވާތާ މިހާރު ފަސް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލަ ކުރިޔަށް ނުދާތާ ވެސް ގިނަ މަސްތަކެއް ވެފައިވާ ކަމަށެވެ.
އެކޯލިޝަނުން ބުނީ މީގެ ކުރީން ތަފާތު ކުށްތައްކޮށް ޝަރީއަތަށް ސާބިތުވި ސިޔާސީ ފަރާތްތައްވެސް ރަމަޟާން މަހަށް އެމީހުންގެ އާއިލާ ގާތަށް ކުރީގެ ސަރުކާރުތަކުން ބަދަލުކޮށްދީފައި ވާކަމަށެވެ. އަދި ގައުމަށް ދިމާވާ ކާރިސާތަކުގައި ޖަލުގައި ތިބޭ ސިޔާސީ ލީޑަރުންނަށް މާފު ދިނުން ފަދަ ލުއިތައްވެސް ސަރުކާރުތަކުން ދީފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް 19 ފެތުރި ބިރުވެރިކަން އިންތިހާ އަށް ކުރިމަތިވެފައިވާއިރުވެސް ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅެފައި ނުވާ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕްރޮގްރޮސިވް ކޯލިޝަނުން ބުނެފައިވަނީ ކޮވިޑް 19 ގެ ބިރުވެރިކަން އޮތުމާއި އެކު އެ ކޯލިޝަނުން ސަރުކާރަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތްކަން ހިއްސާކޮށް، އެއްބައިވަންތަކަން އިސްކުރުމަށް މީގެ ކުރިންވެސް ގޮވާލައިފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސިއްހީ ހާލަތު ހުރިގޮތުން އެމަނިކުފާނު ރަމަޟާން މަހުގެ ކުރިން ގެއަށް ބަދަލުކޮށްދިނުމަށް ވެސް އެކޯލިޝަނުން ގޮވާލާފައިވާނެ ކަމަށެވެ.
އެހެންނަމަވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ނިމި ދެވަނަ ދުވަސް ފެށިފައިވާ އިރު އެމަނިކުފާނު ގެއަށް ބަދަލު ނުކޮށްދިނުމުން އެނގިގެންދަނީ މިސަރުކާރުން އިހުސާންތެރިކަމާއި އެއްބައިވަންތަކަމަށް ފުރުސަތު ދޭން ބޭނުން ނުވާކަން ކަމަށާއި އެކަމުގެ ސަބަބުން މިސަރުކާރުގެ އަނިޔާވެރިކަން ދޭހަވާ ކަމަށްވެސް އެކޯލިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން އެޗްއާރްސީއެމުން މި މައްސަލަ ބައްލަވައި ދެއްވައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުން އަވަސް ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ޕްރޮގްރޮސިވް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީން މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އިސްތިއުނާފަށް އެދުމުން އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައެވެ.