ޚަބަރު

ހުއްދަނެތި މަގުމަތީގައި އުޅުމުގެ ސަބަބުން މާލެއިން 101 މީހަކު ޖޫރިމަނާ ކޮށް، ފަސް މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ހުއްދަނެތި މަގުމަތީގައި އުޅުމުގެ ސަބަބުން އިއްޔެ މާލެއިން 109 މީހަކު ޖޫރިމަނާ ކޮށް، ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހުއްދަނެތި މަގުމަތީގައި އުޅުމުގެ ސަބަބުން އިއްޔެ މާލެ ސަރަހައްދުން 109 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެއީ 101 މީހަކު މާލެއިން، ހުޅުމާލެއިން ހަތަރު މީހުން އަދި ވިލިމާލެއިންވެސް ހަތަރު މީހުންނެވެ. ފުލުހުން ބުނީ މިހާތަނަށް ޖުމުލަ 461 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެއީ މާލެއިން 404 މީހުން، ހުޅުމާލެއިން 30 މީހުން އަދި ވިލިމާލެއިން 27 މީހުންނެވެ.

މީގެ އިތުރުން ހުއްދަނެތި މަގުމަތީގައި އުޅުމުގެ ސަބަބުން އިއްޔެ މާލެ ސަރަހައްދުން ހައްޔަރު ކޮށްފައިވަނީ ފަސް މީހުން ކަމަށާއި، މި ފަސް މީހުންވެސް ހައްޔަރު ކުރީ މާލެއިން ކަމަށް ފުލުހުން ބުނެއެވެ.

ލޮކްޑައުން ހާލަތުގައި އެކި ބޭނުމަށް މަގުމަތީ އުޅުމުގެ ހުއްދަ އިއްޔެ ދޫކޮށްފައިވަނީ 60 މީހަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި 60 މީހުންނަށްވެސް ހުއްދަ ދީފައިވަނީ މާލޭ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުމަށް ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް ޖުމުލަ 4322 ޕާމިޓް ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ މާލެއިން 3772 ޕާމިޓް، ހުޅުމާލެއިން 484 ޕާމިޓް އަދި ވިލިމާލެއިން 66 ޕާމިޓެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 129 މީހަކު ވަނީ ފެނިފައެވެ. އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 17 މީހުންނެވެ. މިމަހު 15 ގައި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވަނީ ކޮވިޑް 19 މާލެއިން ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާއި ގުޅިގެންނެވެ.