ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރު ނިމި، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާދަނުކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުންނަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ 65 އަހަރުން މަތިވީމަ ވެރިކަމަށް ކުރިމަތިލައިގެން ވާނެ ކަމަށް ދެކޭނެ ބޭފުޅެއް ނޫން ކަމަށާއި 2023 އަންނައިރު އެމަނިކުފާނު 65 އަހަރަށް ވުރެ މަތިވާނެ ކަމަށެވެ.
"2023 ވަރަށް ދުރު ދެއްތޯ. އަޅުގަނޑަކީ އަމިއްލަ ވިސްނުމުގައި ގަބޫލުކުރާގޮތުން 65 އަހަރުން މަތިވީމަ ދެން މި މަސައްކަތަށް ކުރިމަތިލައިގެން ވާނެ ކަމަށް ދެކޭ މީހެއް ނޫން. އެހެންވީމާ 2023 ވަނަ އަހަރު އަންނަ އިރު އަޅުގަނޑު 65 އަހަރަށް ވުރެ މަތިވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އެހެން ވިދާޅުވެފައިވާ އިރު، އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު މަޖިލީހުން ވަނީ ބާތިލްކޮށްފައެވެ. ދާދި ފަހުން ރައީސް ސޯލިހު ވަނީ އެ އިސްލާހު ބާތިލުކުރުމުގެ ބިލް ތަސްދީގު ވެސް ކުރައްވައިފައެވެ.
ވެރިކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރާއި ދޮށީ އުމުރު ކަނޑައަޅާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭރު ނައިބު ރައީސަކަށް އަހްމަދު އަދީބު ގެނައުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.