ޚަބަރު

މަޖިލިސް ރައީސް ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް މެންބަރު ޝަރީފް އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާ ބަހުސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން ނިޒާމީ މައްސަލަ ނަންގަވައި ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

އެއީ އެއްގޮތަކަށްވެސް މަޖިލިސް ރައީސް ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި، މަޖލީހުގެ ގަވާއިދުވެސް އެކަމަށް ތަން ނުދޭކަަމަށް ޝަރީފް ވިދާޅުވިއެވެ.

"ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމަކީ މަޖިލީހުގެ ރައީސް އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން، އަޅުގަނޑު ވަރަށް އާދޭހާއެކު ދަންނަވަން، އެކަން ނުކުރެއްވުމަށް،" ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރަމުން އަންނަނީ، ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ މި ދަތި ހާލުގައި އެކި ކަންކަމަށް ހަރަދުކުރަން ބޭނުންވާ އިތުރު ފައިސާ، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ފިނޭންސް މިނިސްޓަރު ހުށަހަޅާފައިވާ މައްސަލައަށެވެ.

ނިޒާމީ މައްސަލަ ނަންގަވައި ޝަރީފް ވިދާޅުވީ ސަރުކާރަށް އެކަންވިޔަނުދިނުމަށް ބައެއް މަޖިލިސް މެންބަރުން އެކި ސިފަސިފައިގައި ސަރުކާރަށް ޖެއްސުންކުރަމުން އަންނަ ކަމަށެވެ.

ޝަރީފްގެ މި ނިޒާމި ނުކުތާއާ ގުޅިގެން މަޖިިލިސް ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރު ޝަރީފްގެ ނިޒާމީ މައްސަލަ ބަލައިނުގަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟