ކޮވިޑް 19ގެ މި ހާލަތުގައި މާބަނޑު މީހުން ޑޮކްޓަރަށް ދެއްކުމާއި ވިއްސުމުގައި ގެންގުޅޭނެ ހާއްސަ އުސޫލުތަކެއް އައިޖީއެމްއެޗުން އެކުލަވާލައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަސީލް ޖަލީލް ވިދާޅުވީ މާބަނޑު މީހުންނާ މެދު އަމަލުކުރަން ޖެހޭނެ ގޮތުގެ ކްލިނިކަލް ގައިޑްލައިނެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.
"މި ކްލިނިކަލް ގައިޑްލައިނަކީ މާބަނޑު މީހާ ބެލެހެއްޓުމުގައި އެހެން ޑިސިޕްލިންތައް ވެސް ހިމެނޭތީވެ ފުއްޕާމޭގެ ޑޮކްޓަރުންނާއި ސްކޭން ޑޮކްޓަރުންނާއި އަދި އެތެރެ ހަށީގެ ޑޮކްޓަރުންނާއި ލެބޯޓަރީ އާއި ނަރުހުންނާއި މިޑްވައިފުން ހިމެނޭގޮތަށް އަޅުގަނޑުމެން މަޝްވަރާކުރެވި، އަޅުގަނޑުމެން ވާނީ 15 މާޗުގައި ވަރަށް ފުރިހަމަ ގައިޑްލައިނެއް ވެސް ހެދިފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. އަސީލް ވިދާޅުވީ އެ އުސޫލުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތެރޭގައި މާބަނޑު މީހުން ބަލާ ޑޮކްޓަރުންނަށް ވެސް އެ މައުލޫމާތުތައް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ޖުލައި މަހާ ހަމައަށް އައިޖީއެމްއެޗްއަށް ދައްކަމުން އަންނަ މާބަނޑު މީހުން ވިހާ ދުވަސް ތަރުތީބުން ލިޔެވިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ވިހާ ދުވަހު މާބަނޑު މީހާ ހުންނާނީ ކޮން ގެއެއްގައިތޯ، ކޮން ފުލެޓެއްގައިތޯ، އެވަރަށް ވެސް އަޅުގަނޑުމެން މިހާރު ހުންނާނީ އެ ކަރުދާސްތައް ތައްޔާރުކުރެވިފައި. އަދި މި ތަރުތީބުން އަޅުގަނޑުމެން އެ ޕޭޝަންޓުންނަށް ގުޅަމުން ވެސް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.
ޑރ. އަސީލް ވިދާޅުވީ ސްކޭން އެޕޮއިންޓްމަންޓަށް ކޮންމެހެން ބޭނުންވާ ހާލަތެއްގައި ނޫނީ ސްކޭން ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވާނެ ކަމަށާއި އަދި ސްކޭނަށް ބޭނުންވާ އެޕޮއިންޓްމަންޓުތައް ހަމަޖެއްސުމަށް އަލްޓްރާ ސައުންޑް ޑިޕާޓްމަންޓާ ނުވަތަ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާ ގުޅިގެން އެކަންތައްތައް ވެސް ފުރިހަމަކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށްއޮތް ހަފުތާއިން ފެށިގެން އޮންލައިން ކޮންސަލްޓޭޝަން ހަދަމުން އަންނަނީ ހަފުތާއަކު ތިން ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިގޮތަށް އަޅުގަނޑުމެން ބަދަލުކުރަން ނިންމި ސަބަބަކީ އަޅުގަނޑުމެންގެ ސްޓާފުންގެ ރައްކާތެރިކަމަށް ވެސް ބެލުމާއެކު އަދި އާންމުންގެ ޑިމާންޑު އޮންނަ ވަރަކަށް މި ކުލިނިކުތައް އިތުރު ކުރުމުގެ ނިޔަތުގައި. މި ކުލިނިކުތަކުގައި އަޅުގަނޑުމެން ހާއްސަކޮށް ފާހަގަކޮށްލާނީ ފޯން ކޮންސަލްޓޭޝަނުން ބޭނުންވާ މައުލޫމާތުދިނުމާއި އަދި ބޭނުންވާ ޕްރިސްކްރިޕްޝަން ފޯރުކޮށްދިނުން. އަދި ހަމައެއާއެކު އެޑްމިޝަނަށް އަންނަން ޖެހޭ ޕޭޝަންޓަކު ވެއްޖެއްޔާ، އޭނާގެ ކަރުދާސްތައް ފުރިހަމަކޮށް އެޑްމިޝަންއާ ހަމައަށް އައީމަ އެކަންތައް ކުރިއަށްގެންދާނެ ގޮތްތައް ވެސް އަޅުގަނޑުމެން ހުންނާނީ ވަރަށް ތަރުތީބުކޮށް ރޭވިފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. އަސީލް އިތުރަށް ވިދާޅުވީ މާބަނޑު މީހުން ފޯން ކޮންސަލްޓޭޝަނަކުން މުޅިން ފުރިހަމަވެގެންނުދާނެ ހާލަތްތައް ހުންނާނެ ކަމަށާއި އެ ހާލަތްތަކުގައި ފޯން ކޮންސަލްޓޭޝަންތަކުގެ ތެރެއިން ސްކްރީން ކުރުމަށްފަހު ބުދަ ދުވަހު ހެނދުނު 9:00 އާއި 12:00އާ ދޭތެރޭ އެ ޕޭޝަންޓުން ގެނެވޭނެ ކަމަށެވެ. އަދި އެ ޕޭޝަންޓުން ބަލަމުންގެންދާނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންކޮށްގެން ކަމަށާއި އެ ޕޭޝަންޓުން ޑޮކްޓަރަށް ދައްކަން އައުމުގެ ކުރިން ޕޭޝަންޓުންނަށް އިރުޝާދުތައް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.