ރައީސް ޔާމީން

ކުންފުންޏަކުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އޮތް ނަމަ، ޒިންމާ އުފުލަން ޖެހޭނީ އެ ކުންފުންޏެއްގެ ވެރިން: ޔާމީން

1

ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އޮތް ނަމަ، އޭގެ ޒިންމާ އުފުލަން ޖެހޭނީ އެ ކުންފުންޏެއްގެ ވެރިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުންނަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ކުންފުންޏަކުން ހިންގާ ކޮންމެ މުއާމަލާތެއް ފިނޭންސް މިނިސްޓްރީއަކަށް ނުބެލޭނެ ކަމަށެވެ.

"ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އޮތް ކަމަށްވަންޏާ އޭގެ ޒިންމާ އުފުލަން ޖެހޭނީ ކުންފުނީގެ ސީއީއޯ އާއި ކުންފުނީގެ ބޯޑުން. ދެން އޭގެ އިތުރުން އެކަމެއް ބެއްލެވޭ މިންވަރަކަށް ބެއްލެވެން ޖެހޭނެ ފިނޭންސް މިނިސްޓްރީއަށް. އެކަމަކު ކުންފުންޏަކުން ހިންގާ ކޮންމެ މައިކްރޯ ޓްރާންސެކްޝަނެއް އެއީކީ ފިނޭންސް މިނިސްޓްރީއަށް ބެލޭނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުންފުނީގެ ބޯޑުން ނޫނީ ބަޖެޓުން ފާސްކޮށްފައި އޮންނަ ހަރަދުން ބޭރުން އެއްވެސް މުއާމަލާތެއް ކުރެވޭނެ ކަމަށެވެ.

"އެޗްޑީސީއަކަށް ވެސް، އެސްޓީއޯއަކަށް ވެސް އަދި އެހެންތަނަކުން ވެސް އެމީހުންގެ ބޯޑުން ނޫނީ ބަޖެޓުން ފާސްކޮށްފައި އޮންނަ ހަރަދުން ބޭރުން ހަރަދެއް ނުކުރެވޭނެ. އެހެންވީމާ ސިޔާސީ ޕާޓީއަކަށް ނޫނީ ކުޅިވަރު ކުޅޭ ކްލަބަކަށް ނޫނީ އެހެން ބަޔަކަށް ފައިސާއެއް ނޫނީ ޑޮނޭޝަނެއް ދޭ ކަމަށްވަންޏާ އެކަމެއް ހިނގާފައި ހުންނަންވާނީ އެބޭފުޅުންގެ ބަޖެޓުގެ ތެރެއިން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުންފުނިތަކުން ފައިސާގެ މުއާމަލާތްތައް ހިންގާފައި ހުރީ އުސޫލުން ބޭރުން ކަމަށްވަންޏާ އެއީ ޕީޕީއެމްއާ ގުޅުން އޮތް ކަމަކަށް ނުވާނެ ކަމަށާއި ރައީސް ނަޝީދުގެ ވެރިކަމުގައި ވަޒީރުން އަމިއްލަފުޅަށް ކުރައްވާފައި ހުރި ހަރަދުތަކުގެ ތެރެއިން އެ ހަރަދުތައް ދައްކަވާފައި ހުރީ ވަރަށް މަދު ބަޔަކު ކަމަށެވެ.

"ކުރިން ހުރި ކުންފުނިތަކުގައި އެހެރީ ނޫންތޯ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުރި ކަންތައްތައް، ރައީސް ނަޝީދުގެ ވެރިކަމުގެ އަހަރުތަކުގައި އޭރު ސަރުކާރުގެ ވަޒީރުންނަށް ތިއްބެވި ބޭފުޅުން އަމިއްލަފުޅަށް ކުރައްވާފައި ހުރި ކަންތައްތަކުގެ އަދަދުތައް އެހެރީ ފެންނަން. އޭގެ ތެރެއިން މަދު ބޭފުޅަކު ގާނޫނީ މަގުން ހިނގައިގެން އެ ފައިސާ ދެއްކެވީ ވެސް. އެހެން އެއްވެސް ބޭފުޅަކު ފައިސާއެއް ވެސް ނުދައްކަވާ އިނގޭތޯ. ކުންފުނިން ކުރާ ކަންތައްތައް ބަލާނީ ފިނޭންސް މިނިސްޓްރީން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟