ރައީސް ޔާމީން

ކޮމިޝަންތަކަށް ބާރު ދޭ ބިލު މަޖިލީހުން ފާސްކޮށްފި ނަމަ ކޯޓަށް ދާނަން: ޔާމީން

މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ، ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުންނަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ބިލު ފާސްކޮށްފި ނަމަ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާނެ ކަމަށެވެ.

"މަރުގެ ތަހުގީގުތައް ކުރުމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި މިކަހަލަ ކަންތައްތައް ބެލުމަކީ ގާނޫނު އަސާސީން ވަކި މުއައްސަސާތަކަކަށް ބާރު ދީފަ ހުރި ކަންކަން. އެ ބާރުތައް ބައެއްގެ އަތުގައި އޮވެ އަދި ރައްޔިތުންގެ ފައިސާއިން އެ ހުރިހާ މުއައްސަސާތަކުގެ އެންމެންނަށް ހަރަދުކުރަމުން އަދި މުއައްސަސާ ހިންގަން ބޮޑެތި ހޭދަތައް ކުރަމުން ކޮމިޝަނެއް އުފައްދައިގެން މުއައްސަސާތަކުން އެ މަސައްކަތް ކުރާކަށް އެހެން ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީން ރައީސް ސޯލިހު އުފެއްދެވި ކޮމިޝަންތަކަށް އެ މަސައްކަތެއް ކުރަން ޖާގަ ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މިހާރު ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނާއި އެހެން ބައެއް ގާނޫނުތަކުގެ ދަށުން ޖުޑީޝަރީގެ ބަހެއް ބުނެގެން ނޫނީ ނުކުރެވޭ އެތައް ބާރުތަކެއް އެ ކޮމިޝަންތަކަށް ދިނުމަށް މަޖިލީހަށް ހަށަހަޅާފައިވާ ބިލުގައި އޮންނަ ކަމަށެވެ.

"ރައީސަކަށް ހުންނަ މީހަކު ރައީސަށް ނެތް ބާރެއް މި ބޭނުންކުރަނީ. ޖުޑީޝަރީގެ ބާރު، ތަހުގީގުގެ ބާރު، އެއީ ރައީސަށް އޮތް ބާރެއް ނޫން. ރައީސް އުފައްދަވަން ޖެހޭ ކޮމިޝަންތައް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީ މި ޒާތުގެ ކޮމިޝަނެއް އުފައްދާކަށް ނޫން. އެއީ ކަންކަން ހިނގައި ދިޔައީމާ ކަންކަން އެސެސްކުރަން އުފައްދާ ކޮމިޝަންތައް. އަދި އެކަންކަން އެސެސް ކުރުމަށްފަހު އެ ކޮމިޝަންތަކުގެ ރިޕޯޓް ރައީސަށް ލިބިވަޑައިގަތީމަ ފިޔަވަޅު އެޅުމުގެ ގޮތުން ނުވަތަ ބަލުމުގެ ގޮތުން ރައީސް ހިންގަވަންވާނީ ގާނޫނު އަސާސީން އުފައްދާފައި ހުންނަ މުއައްސަސާތަކުގެ ތެރެއިން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވެއްޖެ ނަމަ، ރައީސް ސޯލިހު އުފެއްދެވި ކޮމިޝަންތަކަށް ލިބޭ ބާރުތައް:

  • ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
  • ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުން
  • މައްސަލައާ ގުޅުން ހުރި މީހުންގެ ބޭންކް އެކައުންޓް ފްރީޒް ކުރުން
  • ކޯޓު އަމުރަށް އެދެވުން
  • ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން
  • ކޮމިޝަންގެ ހިންގާ ގަވާއިދު އެކުލަވާލުން
  • ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން