ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ އިތުރުން 101 މީހަކަށް ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މި 101 މީހުންނަކީ ކާބޯތަކެތީގެ އެހީތެރިކަމަށް ޖެހުނު މީހުން ކަމަށެވެ. އަދި އެމީހުންނަށް އިއްޔެ އެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ވަގުތީ ހިޔާތަކަށް ފާއިތުވި ހަތް ދުވަހު ދެ އިރުގެ ކޮއްތު ފޯރުކޮށްދެމުން އަންނަ އަވަސް ފުޑްގެ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނު ކުރި ފަހުން މިވަގުތީ ހިޔާތަކުގައި 34 މީހަކު އުޅޭ ކަމަށް ޖެންޑާ އިން ބުނެއެވެ.
ކޮވިޑް 19އާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން އަންނަނީ އެކި މަސައްކަތް ކުރަމުންނެވެ. އަދި އެކި ފަރާތްތަކުން މިކަމަށް ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދޭ އެހީތެރިކަމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.