މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00ގެ ނިޔަލަށް ކަމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވާތީ، ރަމަޟާން މަހުގެ ދުވަސްތަކުގައްޔާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމާ ބެހޭގޮތުން ރައީސް އޮފީހުން ކުރިން އިއުލާނުކޮށްފައިވާ ގޮތަށް އަމަލުކުރެއްވުމަށްވެސް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ރާއްޖޭގައި ކޮވިޑް 19 ފެތުރުމާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށްފައިވާތީ ސްކޫލްތަކާއި ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ތަންތަން ބަންދުކޮށް އެއްރަށުން އަނެއްރަށަށް ދިއުން މަނާކޮށް ވަނީ ފުރަބަންދުކޮށްފައެވެ.