ޚަބަރު

މިތިބީ އިގުތިސޯދީ ކާރިސާއެއްގެ ތެރޭގައި، ހުރިހާ ކަމެއްގައިވެސް ހަރަދުކުޑަކުރުމަށް އިސްކަން ދެއްވާ!

މިތިބީ އިގުތިސޯދީ ކާރިސާއެއްގެ ތެރޭގައި ކަމަށާއި އެހެންކަމުން ހުރިހާ ކަމެއްގައި ވެސް ހަރަދުކުޑަކުރުމަށް އިސްކަން ދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖެ މިއޮތީ އިގްތިސާދީ ކާރިސާއެއްގައި ކަމަށާއި އެހެންކަމުން ހަރަދުކުޑަކުރުމަށް ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން މިރޯދަ މަހުވެސް ވީހާވެސް ހަރަދުކުޑަކޮށް ކަންތައް ކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖެ ބަރޯސާވެފައި އޮތުމުން ފިލާވަޅުތަކެއް ހާސިލުކޮށް އެހެން ސިނާއަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިތުރަށް އިންވެސްޓްކުރަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެގްރިކަލްޗާ މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ނޭޝަނަލް އެގްރޯ ކުންފުނީގެ ތެރެއިން ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން މިފްކޯގައި މަސް ބަންދުކުރެވޭ މިންވަރު އިތުރުކޮށް، ދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުޅާކުރާނެ ކަމަށާއި އަދި އިކޮނޮމިކް ކައުންސިލް މެދުވެރިކޮށް ރާއްޖެއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ގެނެވޭނެ ވަރަށް ގިނަ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ.