ޚަބަރު

ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް އެކަނި ބަރޯސާވެ އޮތުމުން މި ލިބުނު ފިލާވަޅުން އިބުރަތް ހޯދަންޖެހޭ: އަމީރު

އަލީ ޔާމިން

ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް އެކަނި ބަރޯސާވެ އޮތުމުން މި ލިބުނު ފިލާވަޅުން އިބުރަތް ހޯދަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖެ ބަރޯސާވެފައި އޮތުމުން މިފަދަ ހާލަތެއްގައި ލިބުނު ގެއްލުމުން އިބުރަތް ހާސިލުކޮށް އެހެން ސިނާއަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ އިގްތިސާދު ރީއެރޭންޖުކުރުމަށް މަސައްކަތްތަަކެއް ކުރަން. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް އެއްކޮށް ބަރޯސާވެފައި އޮތް އޮތުމުން އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެވެސް ލެސަންސްތަކެއް ކޮންމެވެސް ފިލާވަޅުތަކެއް ލިބިގަންނަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް އިތުރަށް ހަރަދުކުރަން ޖެހޭ ކަމަށާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްވެސް އިތުރު ހަރަދުތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މަސް ކޭންކޮށް އެކްސްޕޯޓްކުރުމަށް މިއަހަރުގެ ތެރޭގައި ރާއްޖޭގައި ފެކްޓަރީ އެކްސްޕޭންޝަންގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ގެންނަން ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާތުން ލިބޭ އާމްދަނީ ވަނީ 50 އިންސައްތަ ދަށަށް ގޮސްފައެވެ.