ޚަބަރު

ކަރަންސީ ސްވޯޕްގެ ދަށުން ގެންނަ 150 މިލިއަން ޑޮލަރު މިމަހު 27 ގައި ލިބޭނެ: އަމީރު

އަލީ ޔާމިން

ކަރަންސީ ސްވޯޕްގެ ދަށުން ގެންނަ 150 މިލިއަން ޑޮލަރު މިމަހު 27 ގައި ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް ބޭރުގެ ފަންޑް ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގްރޮސް ރިޒާވުގައި 757 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 300 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މީގެ ކުރިން އާރްއައިބީއާ އެއްކޮށް ސޮއިކޮށްފައިވާ ކަރަންސީ ސްވޯޕްގެ ދަށުން 150 މިލިއަން ޑޮލަރު މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ގްރޮސް ރިޒާވުގެ ގޮތުގައި ގާތްގަނޑަކަށް 757 މިލިއަން ޑޮލަރު އެބަހުރި. އަދި އަޅުގަނޑުމެން ޔޫސަބަލް ރިޒާވުގެ ގޮތުގައި ލަފާކުރެވެނީ 300 މިލިއަން ޑޮލަރާ ހަމައަށް ހުންނާނެ ކަމަށް. މީގެ އިތުރުން އަޅުގަނޑުމެން މިހާރު ކަރަންސީ ސްވޯޕް ފެސިލިޓީއެއް ކުރިން އަޅުގަނޑުމެންވާނެ އާރްއައިބީއާ އެއްކޮށް ސޮއިކޮށްފައި. އޭގެ ތެރެއިން 150 މިލިއަން ޑޮލަރު އަޅުގަނޑުމެން މިހާރު އެމްއެމްއޭއިން އެބަ ގެނޭ. އެއީ މިމަހުގެ 27 ވަނަ ދުވަހު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފައިސާއާއެކު ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް އަތުވެދާނެ ގެއްލުން ކުޑަކުރެވިގެންދާނެ ކަމަށެވެ.