ކޮވިޑް 19އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދި ގޮންޖެހުންތަކުގެ ސަބަބުން އޮފީސްތަކުގެ ބަޖެޓުން މިހާތަނަށް 825 މިލިއަން ރުފިޔާ ވަނީ ކުޑަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން މިއަހަރުގެ މާޗް މަހުން ފެށިގެން ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ނިންމާފައިވާތީ، އޮފީސްތަކުގެ ބަޖެޓުން 825 މިލިއަން ރުފިޔާ އުނިކޮށްފައިވާ ކަމަށެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުން އަދި އެއަށްވުރެ މަތީ މަގާމުތަކުގެ މުސާރަ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އާ މުވައްޒަފުން ނެގުން މަޑުޖައްސާލައިފައިވާތީ، އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރަށް ހަރަދު ކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައި 37.8 މިލިއަން ރުފިޔާ ހަރަދުކުރަން ހިމަނާފައި އޮތްނަމަވެސް، ހަރަދު ކުޑަކުރަން މިހާރު އަޅާފައިހުރި ފިޔަވަޅުތަކާއި އަހަރުގެ މިހާތަނަށް އައިއިރު ހަރަދުތައް ހިނގާފައިހުރި ގޮތަށް ބަލައި، އިތުރު ފިޔަވަޅެއް ނާޅާނަމަ މިއަހަރުގެ ތެރޭގައި 35.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ނަމަވެސް އާމްދަނީއަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުގެ ސަބަބުން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭނެކަން މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން އަޅާ އަށް ފިޔަވަޅެއް މިނިސްޓަރު ވަނީ ހިއްސާ ކުރައްވައިފައެވެ.
އޭގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްގޮސްފައިވާތީ، ސަރުކާރަށް ތެލުން އަގުހެޔޮވާ މިންވަރު ޕާސް ތުރޫކޮށް ކަރަންޓް އަދި ތެލުގެ ސަބްސިޑީ ދިނުމަށް ކުރާ ހަރަދު 40 ޕަސެންޓް ކުޑަކުރުމާއި މިއަހަރަށް ބަޖެޓް ކޮށްފައިވާ ޕީއެސްއައިޕީގެ ތެރެއިން ނުފަށާހުރި މަޝްރޫއުތައް ޓޭންޑާ ނުކޮށް މަޑުޖައްސާލުމަށް ނިންމާފައިވެއެވެ.
އޭގެ އިތުރުން ދަތުރުފަތުރަށް ކުރާ ހަރަދުން 35 ޕަސެންޓް ކުޑަކުރުމަށާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ގަތުން ހުއްޓާލުމާއި ޓްރެއިނިންއަށް ކުރާ ހަރަދު 30 ޕަސެންޓް ކުޑަކުރުމާއި މަރާމާތަށްކުރާ ހަރަދު 59 ޕަސެންޓް ކުޑަކުރުމަށާއި ހަރުމުދާ ހޯދަން ކުރާ ހަރަދު 70 ޕަސެންޓް ކުޑަކުރަން އަދި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ ދޫކުރާ މިންވަރު މަޑުޖައްސާލަން ފިނޭންސުން ވަނީ ނިންމައިފައެވެ.