ޚަބަރު

ހުޅުމާލޭ ފުޓްބޯޅަ ސްކޫލުގެ 24 ކޮޓަރީގެ މަސައްކަތް ނިމި، އެހީތެރިކަން ބޭނުންވާ މީހުން އެތަން ބޭނުން ކުރަން ފަށައިފި

ހުޅުމާލޭ ފުޓްބޯޅަ ސްކޫލުގެ އެކަމޮޑޭޝަން ބްލޮކުގައި ތައްޔާރު ކުރި 24 ކޮޓަރީގެ މަސައްކަތް ނިމި، އެހީތެރިކަން ބޭނުންވާ މީހުން އެތަން ބޭނުން ކުރަން ފަށައިފި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ 24 ކޮޓަރީގެ މަސައްކަތް ނިމިފައިވަނީ އިއްޔެރޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ ޕީއޭ އަހުމަދު އަޒްމޫނު ވިދާޅުވީ ހުޅުމާލޭ ފުޓްބޯޅަ ސްކޫލުގެ ޕްރޮޖެކްޓަކީ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތް މި ސަރުކާރު ވެރިކަމަށް އައި އިރު އޮތީ ހުއްޓިފައި ކަމަށާއި، އޭގެ މަސައްކަތް އަލުން ފަށާފައިވަނީ މި ސަރުކާރުގައި ކަމަށް އަޒްމޫނު ވިދާޅުވިއެވެ.

އަޒްމޫނު ވިދާޅުވީ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތަކީ ކުރިންވެސް ބޮޑުބައެއް ނިންމާފައިވާ ތަނެއް ކަމަށެވެ. އަދި އެ ތަނުގެ މަސައްކަތް އަވަސް ކުރީ ކޮވިޑް 19ގެ ސަބަބުން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށް އަޒްމޫން ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން "ވަން އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭ ފުޓްބޯޅަ ސްކޫލުގެ އެކަމޮޑޭޝަން ބްލޮކުގައި ހުރުމުގެ ކަންތައް ހަމަޖައްސާފައިވަނީ ބަލި ތިން މީހަކާއި އެމީހުންގެ އެހީތެރިންނެވެ. މި ތިން މީހުންނަކީވެސް ކެންސަރު ބަލީގެ ފަރުވާއެއްގެ ގޮތުގައި ކީމޯތެރިޕީ ހޯދަމުން އަންނަ މީހުން ކަމަށް ޖެންޑާއިން ބުނެއެވެ.