ޚަބަރު

މިއަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ އެސްއެމްއެސް އަދި އޮންލައިން ފްލެޓްފޯމުތައް މެދުވެރިކޮށް: މިނިސްޓްރީ

މިއަހަރު މާލެ ސިޓީން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއެސް އަދި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް 19ގެ މި ހާލަތުގައި މިނިސްޓްރީގެ ހޯލުން ފިތުރު ޒަކާތް ބަލައިނުގަތުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ. ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި އާންމު ހާލަތަކަށް ގޮސްފި ނަމަ، އެހެން އަހަރުތަކެކޭ އެއްފަދައިން މިނިސްޓްރީގެ ހޯލުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ދިރާގުން ނަމަ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ. އަދި އުރީދޫން ނަމަ އުރީދޫ އެމް ފައިސާ އެޕްލިކޭޝަނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އެ ބޭންކުގެ ވެބްސައިޓު މެދުވެރިކޮށެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިން "ފައިސާ ނެޓް" އާއި މޯބައިލް ބޭންކިން "ފައިސާ މޮބައިލް" މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުތަކުން ކަމަށެވެ.

  • އާދައިގެ ހަނޑޫ – 15 ރުފިޔާ
  • ތައިލެންޑު ހުދު ހަނޑޫ – 48 ރުފިޔާ
  • ބާސްމަތީ ހަނޑޫ – 105 ރުފިޔާ
  • ރަތް ހަނޑޫ – 65 ރުފިޔާ
  • އާދައިގެ ފުށް – 12 ރުފިޔާ
  • އާޓާ ފުށް – 55 ރުފިޔާ