އިސްލާމީ މަރުކަޒުގައި މިރޭ ކުރި ތަރާވީހް ނަމާދުގައި ބައިވެރިވީ އިސްލާމިކް މިނިސްޓްރީގައި ލޮކްޑައުން ކޮށްފައި ތިބި އެތަނުގެ މުވައްޒަފުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ތަރާވީހް ނަމާދު އިމާމުވެ ކުރެއްވީ އެ މިސްކިތުގެ އިމާމް ނަސްރުﷲ އަލީއެވެ. އަދި ޖަމާއަތުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިހް އިލްޔާސް ޖަމާލާއި އޭނާގެ ފިރިހެން ދަރިފުޅު ވެސް ބައިވެރިވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ދީނީ ޕްރޮގްރާމްތައް ޓީވީ މެދުވެރިކޮށް ގެނައުމަށްޓަކައި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން މިނިސްޓްރީގައި ލޮކްޑައުން ވެގެން ތިބޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް "ވަން" އަށް ވިދާޅުވީ، އިސްލާމީ މަރުކަޒުގައި މިރޭ ކުރި ތަރާވީހް ނަމާދުގައި ބައިވެރިވީ އެ މިނިސްޓްރީގައި ލޮކްޑައުންވެފައި ތިބި މީހުން ކަމަށެވެ.
އެގޮތުން ދީނީ ޕްރޮގްރާމްތައް ހުށަހަޅައިދިނުމަށް ދެ ޝައިހުންނާއި އެ މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުންނާއެކު ދިހަ މީހަކު ލޮކްޑައުންގައި އެބަ ތިބި ކަމަށާއި އެމީހުން މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތު ނިމެންދެން ނުވަތަ ރޯދަމަސް ނިމެންދެން މިނިސްޓްރީގައި ލޮކްޑައުންވެފައި ތިބޭނެ ކަމަށް އަފްރާހް ވިދާޅުވިއެވެ.
މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމުން މުޖުތަމައުގެ ތެރޭގައި ބެލި ފެތުރެމުން އަންނަ ކަމަށް ކަނޑައަޅައި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އެ މުއްދަތު ނިމޭނީ މިމަހުގެ ނިޔަލަށެވެ.