ޚަބަރު

ރާއްޖޭން ބޭރުގައި ތިބި މުވައްޒަފުން ހިމެނޭގޮތަށް ހުރިހާ މުވައްޒަފުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

ރާއްޖޭން ބޭރުގައި ތިބި މުވައްޒަފުން ހިމެނޭގޮތަށް ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާ ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާ ޝާހިދު ބައްދަލުކުރެއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މި ބައްދަލުވުމުގައި ޖަޕާނުގެ ވެރިރަށް ޓޯކިޔާ އިން ފެށިގެން އެމެރިކާގެ ނިއުޔޯކާ ދެމެދު ގާއިމުކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ މުވައްޒަފުންވެސް ބައިވެރިވިއެވެ. މިއީ ދިވެހި ހާރިޖިއްޔާގެ ތާރީހުގައި ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

‎މި ބައްދަލުވުމުގައި ރަމަޟާން މަހުގެ ހެޔޮއެދުންތައް މިނިސްޓަރު ވަނީ ހުރިހާ މުވައްޒަފުންނަށް ފޮނުއްވައިފައެވެ. އަދި މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ ކުރިމަތިލަނީ ކޮވިޑް 19ގެ ބިރުވެރިކަމާ މުޅި ދުނިޔެ ކުރިމަތިލާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި، މި ދަނޑިވަޅުގައި މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.

‎ހަމައެއާއެކު މިފަދަ ހާލަތެއްގައި ހުރިހާ މުވައްޒަފުންވެސް އިހުސާންތެރިކަމާއި އަޅާލުން އިސްކުރުމަށާއި، އެކަކު އަނެކަކުގެ ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަކުން އެހީވެދެމުން ގެންދިއުމަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ކޮވިޑް 19އާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނު ހާރިޖީ ވަޒީރަކަށް ހުންނަވައި ކުރައްވާ މަސައްކަތް ކާމިޔާބު ވަނީ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުން ކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ގޮންޖެހުންތައް ބޮޑު މިފަދަ ދަނޑިވަޅެއްގައި ގައުމަށް ބޭނުންވި ހާރިޖީ ޓީމު އެމަނިކުފާނާއެކު އޮތްކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއްކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

‎ކޮވިޑް 19ގެ ހާލަތާ ބެހޭގޮތުން މުވައްޒަފުންނާ އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މި ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ދިމާވާ ނުރައްކާ އިތުރަށް ބޮޑު ކަމަށެވެ. އެހެނީ ރާއްޖެއަކީ އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ތަކެތި އިމްޕޯޓްކޮށް، ގައުމުގެ އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއް ކަމަށް ވިދާޅުވިއެވެ.

‎މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި ރާއްޖޭގެ އިގުތިސާދު އަލުން ނަގާ ކޮޅަށް ޖަހާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި އެންމެ ފުރަތަމަ ސަފުގައި ޚާރިޖީ ޓީމު އޮންނާނެކަން ޔަގީންކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.