ޒަރޫރީ ބޭނުންތައް ފުއްދުމަށް ވިއްކާ ތަކެތި ކޮވިޑް-19 އާ ގުޅިގެން މުދަލާ ނުބައްދަލު އަގުތަކެއްގައި ވިއްކާނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ ދަށުން، ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި ނުވަތަ ހިދުމަތް ދޭ ފަރާތަކުން އެފަރާތަކުންދޭ ހިދުމަތެއް ދިނުމުގައި ނަހަމަގޮތެއްގައި ވަކި ފަރާތެއް ތަފާތު ކުރުމާއި އެފަދަ ގޮތެއްގައި މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ހިދުމަތް ވަކި ފަރާތަކަށް ނުދިނުމަކީ ކުށެއް ކަމަށެވެ.
އެގޮތުން މިހާރުގެ ހާލަތަށް ބަލާއިރު، އޮންލައިންކޮށް މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންދާއިރު މުދާ ގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ (ނ)ގެ ދަށުން، ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތަކީ ވަކި ފެންވަރެއްގެ ހިދުމަތެއް ކަމަށް ހަގީގަތާ ހިލާފަށް ބަޔާންކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ.
އޭގެ އިތުރުން މުދަލާ ނުބައްދަލު އަގެއްގައި މުދާ ވިއްކަމުންދާނަމަ ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިގްތިސާދު ހާލަތަށް ރިއާޔަތްކޮށް މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިހްތިޔާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އިއުލާނުގައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ހިދުމަތް ދިނުމުގައި ވިޔަފާރިތަކުން ތަފާތުކުރާނަމަ އަދި އޮންލައިންކޮށް މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންދާއިރު، ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އޮޅުވާލާނަމަ އެކަން [email protected] އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީ އަށް ރިޕޯޓު ކުރުމަށް އެދޭކަމަށެވެ.
އެގޮތުން ގާނޫނާ ހިލާފުވާ ކޮންމެ ފަރާތަކަށް ވެސް، ކޮވިޑް 19އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކުރެވިފައިވާ މުއްދަތުގައި ވިޔަފާރިކުރުމަށް ނުވަތަ މުދާ ޑެލިވާކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އަދި މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން، އެ ގާނޫނާ ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އެންމެ ގިނަވެގެންހަ މަސް ދުވަހުގެ މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.