ޚަބަރު

ކޮވިޑް 19 : ބަޔަކު ކަރަންޓީން ކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރެއް ނެރެފި

އަލީ ޔާމިން

ކޮވިޑް 19 އާ ގުޅިގެން، ކަރަންޓީނަށް ދާން ދެކޮޅު ހެދި ބަޔަކު ކަރަންޓީން ކުރަން ސިވިލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި އެ ބައްޔަށް ޕޮޒިޓިވް ވާ މީހުން ކަރަންޓީންގައި 14 ދުވަސްވަންދެން މަޑުކުރަން ޖެހެ އެވެ. އެނޫން ބައެއް ހާލަތްތަކުގައި ވެސް ބައެއް މީހުން ކަރަންޓީން ކުރުމަށް ނުވަތަ އެކަހެރި ކުރަން އެންގުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބެއެވެ.

ދެ މީހަކު ކަރަންޓީން ކުރަން ސިވިލް ކޯޓުން ވަކިވަކިން ދެ އަމުރެއް ނެރުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. މިއީ ކަރަންޓީނަށް ބަޔަކު ގެންދަން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން އެޗްޕީއޭ އިން އަންގާ އެންގުންތަކަށް އަމަލު ނުކުރާ ނަމަ، ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން އެކަން ކުރަން އެންގިދާނެ އެވެ. އެފަދަ މައްސަލަތައް ފަސޭހައިން އެ ހުށަހެޅޭނެ ގޮތަށް ސިވިލް ކޯޓުން ކުރިން އޮތީ ހަމަޖައްސައިފަ އެވެ.