ރޯދަމަހުގެ ވަގުތުތައް އަޅުކަމުގައި ހޭދަކޮށް ކޮވިޑް 19 އިން ސަލާމަތްކޮށްދެއްވުން އެދި ދުއާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
މިއަހަރުގެ ރޯދަމަސް ފެށުމުގެ މުނާސަބާގައި ރައީސް ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ރޯދަ މަހަކީ އަޅުކަމުގެ މޫސުމެއް ކަމަށެވެ. އަދި މި ދުވަސްވަރަކީ ގުރުއާން ކިޔެވުމާއި ދުއާކުރުން ގިނަކޮށް، އަނެއްކުންނަށް ދީލަތިވެ އެހީ ފޯރުކޮށްދިނުމުގެ ދުވަސްވަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި މުހިއްމު ދުވަސްތައް ހޭދަކުރަންވީ ކޮވިޑް 19ގެ ނުރައްކާތެރިކަން ފިލާ، އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު ދެއްވުމަށް އެދި ﷲގެ ހަޒުރަތުގައި ހޭދަކުރުމަށް ކަމަށެވެ. އަދި މި ދުވަސްވަރު މިސްކިތްތައް ބަންދު ކުރަން ޖެހުނު ނަމަވެސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ހުޅުވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިދުވަސްވަރު ގޭގައި ތިބެގެން ނަމާދު ކުރެވޭނެ ކަމަށެވެ. އަދި ގޭގައި ތިބެގެން ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމަށް އިސްކަން ދޭން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ކީރިތި ގުރުއާން ކިޔެވުން އިތުރުކޮށް، ތަރާވީހު ނަމާދު ކުރުމާށާއި ދަމު ނަމާދު ކުރުމަށް ސަމާލުކަން ދިނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
މި ދަނޑިވަޅުގައި ހުރިހާ އެންމެންވެސް ﷲގެ ހަޒުރަތުގައި ދުއާ ދަންނަވަންވީ މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ ކަމަށް ރައީސް ވިދާޅުވިއެވެ.