އެއްވެސް ވަކީލެއްގެ ހުއްދަ ނުގެއްލޭ ގޮތަށް، ގާނޫނީ ހިދުމަތަށް އިސްލާހު ގެނައުމުގެ ބިލަށް ބަދަލު ގެނެސްފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން ގާނޫނީ ހިދުމަތުގެ ބިލާ ގުޅިގެން ވަކީލުންނާއި އާންމުގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލައި، އިސްލާމީ ގައުމުތަކުގައި ގާނޫނީ ވަކީލުން ތަންފީޒުކުރަމުން އަންނަ ގާނޫނުތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.
ޝަރީއާ އިސްލާމިއްޔާ ކިޔަވާފައިވާ ފަރާތްތައް ހިމެނޭ ގޮތަށް ރާއްޖޭގެ ވަކާލާތު ކުރުމުގެ ހުއްދަ އޮތް އެންމެހައި ފަރާތްތަކުގެ ހުއްދަ ދެމި އޮންނާނެ ގޮތަށް އެ ބިލަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވަކީލުންނަށް ކޯޓުތަކުގައި ވަކާލަތުކުރުމުގެ ހުއްދަ އާއި އެމީހުން ސަސްޕެންޑުކުރުމުގެ ބާރު ސުޕްރީމް ކޯޓުން ނަގާގޮތަށް ހެދުމަށް ބިލެއް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. އެބިލުގައި ބުނެފައިވަނީ ހަމަ އެކަނި ޝަރީއާ ކިޔަވައިގެން ވަކީލުންނަށް ނުވެވޭ ގޮތަށެވެ.
އެ ބިލު ހުށަހަޅާފައި ވަނީ ކޯޓުތަކުން ވަކީލުން ރެގިއުލޭޓްކޮށް އެ މީހުންނާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އަދި އަދުލު އިންސާފު ލިބިދިނުމުގައި ވަކި ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ މިނިވަން ކަމާއެކު ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމުގެ ބާރު ދިނުމަކީވެސް އެ ބިލު ހުށަހެޅުމުގެ ސަބަބެއް ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.
އޭނާ ހުށަހެޅި ބިލުގައި ބުނެފައި ވަނީ ވަކީލުންގެ ކަންކަމާ ހަވާލުވާން މުޅީން އާ އެސޯސިއޭޝަނެއް ހުޅުވަން ޖެހޭނެ ކަމަށެވެ.
"ބާ އެސޯސިއޭޝަން"ގެ ނަމުގައި ހުޅުވަން ހުށަހަޅުއްވާފައިވާ އެ އެސޯސިއޭޝަންގެ މަގްސަދަކަށް ވާނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތް ކުރުމާއި ވަކީލުންނަށް ހުއްދަ ދިނުމާއި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ވަކީލުންގެ މަސައްކަތް އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދާކަން ކަށަވަރުކުރުން ކަމަށް އެ ބިލުގައި ފާހަގަކޮށްފައިވެއެވެ.