އިބްރާހިމް ޒަކީ
ކޮވިޑް 19ގެ މިހާލަތުގައި ވަޒީފާއިން ވަކިކުރި ކޮންމެ މީހަކަށް 5000 ރުފިޔާގެ އުޖޫރައެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މިހެން ވިދާޅުވީ، ކޮވިޑް 19ގެ މި ހާލަތުގައި އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ ކަންތައްތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން ވަޒީފާ އިން ވަކިކުރި މީހުންގެ އިތުރުން ވަކި މިންވަރަށް ވުރެ މުސާރަ ކުޑަކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި 5000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށާއި، އެ ފައިސާ ކުރިއަށްއޮތް ތިން މަސް ދުވަސްވަންދެން ދޭން ނިންމާފައިވާކަމަށެވެ.
އެޕްރީލް، މެއި، ޢާޑީ ޖޫން މަހު އެ އިނާޔަތް ދޫކުރަން މިހާރު ހަމަޖެހިފައިވީ ނަމަވެސް ހާލަތަށްބަލައި އެ އިނާޔަތްދޭ މުއްދަތު އިތުރު ކުރެވިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ވަޒީފާއިން ވަކިކުރާ ފަރާތްތައް ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް ހުޅުވައިލި ފުރުސަތުގައި މިހާތަނަށް 1300 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންގެ އިތުރުން، ނޯޕޭ ލީވަށް ފޮނުވައިލި މީހުންނާއި މުސާރަ ކުޑަކުރި މީހުން ހިމެނޭ ކަމަަށްވެސް ވިދާޅުވިއެވެ.
އެކަމަށް ހުޅުވައިލީ، އީފާސް ރަޖިސްޓްރޭޝަން ޕްރޮސެސް އެއްގެ ދަށުން ކަމަށް ވުމުން، ދަތިތަކެއް ކުރިމަތިވި ކަމަށާއި، އެހެންކަމުން މެނުއަލްކޮށް ރެޖިސްޓްރީވާން ފަހުން ހުޅުވާލި ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓާރު ވިދާޅުވި ގޮތުގައި، އެގޮތުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އަލުން އީފާސް ރެޖިސްޓްރޭޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވެ.
މިނިސްޓަރު ވިދާޅުވީ، އެފައިސާ ދޫކުރެވެނީ ހައްގުވާ ފަރާތްތަކަށްތޯ ބެލުމަށް ރަށު ކައުންސިލްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.