ޚަބަރު

ކަދުރު ބަލައިދާ ތަރުތީބުން ގޭބިސީއަކަށް ޕެކެޓެއްގެ މަގުން، ކަދުރު ހުސްވަންދެން ބަހާނެ

އައިދާ އަބްދުލް ހަކީމް

ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ސައުދީއަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ބަލައިދާ ތަރުތީބުން ގޭބިސީއަކަށް ޕެކެޓެއްގެ މަގުން، ކަދުރު ހުސްވަންދެން ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކަދުރު ފުރަތަމަ ބެހުމަށް ހަމަޖައްސާފައިވަނީ ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ މީހުންގެ ތެރެއިން ކަދުރު ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ކަމަށެވެ. އަދި ފަގީރުންނަށް ކަދުރު ބެހުމަށްފަހު ބާކީވާ ކަދުރު އާންމުންނަށް ބެހުމަށް ނިންމާފައިވާ ކަމަށާއި އެމީހުންނަށް ވެސް ކަދުރު ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ ލިބޭނެ ކަމަށެވެ.

އެމިނިސްޓްރީން ބުނީ ސައުދީން މިއަހަރު ދިން ކަދުރު ފަގީރުންނަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީ އަކަށް 30 ޕެކެޓް ޖެހޭނެ ކަމަށެވެ. ކަދުރު ބަލައިދާ އިރު އައިޑީކާޑު ގެންދިއުމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި ވިލިނގިލީގައި ދިރިއުޅޭ މީހުންނަށް މާލޭ ސިޓީ ކައުންސިލުން ކަދުރު ބަހާއިރު ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ބަހާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުންނެވެ. އަދި އަތޮޅުތަކުގައި ކަދުރު ބަހާނީ އެރަށެއްގެ ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.

އެމިނިސްޓްރީން ބުނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ކަދުރުބަލައި އަންނަން ހަމަޖެއްސުމަށްފަހު، އެމިނިސްޓްރީ އަށް ރަމަޟާން މަހުގެ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އާއި ހަވީރު 17:00 އާ ދޭތެރޭ ފޮނުވުމުން ކަދުރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.