ކުނި ނައްތާލައި ސަރަހައްދުތައް ސާފުކުރުމުުގެ ގޮތުން މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބައިވެރިވާ ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އަންނަ ހޮނިހިރު ދުވަހުގައި ޓާފް ދަނޑުގައި އެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކުރައްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ހޮނިހިރު ދުވަހުގެ ހެނދުނު 0730ގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެ ޕްރޮގްރާމް ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކުނި މެނޭޖުކުރުމާއި ވެށި ސާފުކޮށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކި އެ އާދަތައް ދިވެހީންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ.
"އެމީހެއްގެ ކުންޏާ މެދު އެމީހަކު ފަރުދީގޮތުން ޒިންމާ އުފުލަން ޖެހޭ. އެ އަހުލާގު، އަޅުގަނޑުމެންގެ ދުރޫސުލްއަހުލާގު ތެރޭގައި އެންމެނަށް ދަސްކޮށްދީ ގަބޫލު ކުރަން ވެއްޖެ." އޭނާ ވިދާޅުވިއެވެ.
ކުނީގެ މައްސަލައަކީ ރާއްޖޭގެ ތިމާވެށްޓައް ދިމާވާ އެންމެ ބޮޑު މައްސަލަ ކަމަށް މިނިސްޓަރު ހުސެއިން ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖް ކޮށްގެން ނޫނީ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތުމާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، ދައުލަތުގެ މުއައްސަސާތަކުންނާއި އާންމު ފަރާތްތަކުން ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހޮނިހިރު ދުވަހު ފަށާ އެ ޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެއް ކަމަށެވެ.