މިނިސްޓަރު ފައްޔާޒް އިސްމާއިލް

ކުރިއަށް އޮތްތަނުގައި 40،000 މީހުންނަށް ދިރިއުޅެވޭވަރުގެ ވޯކާސް ވިލެޖެއް ގުޅީފަޅުގައި ގާއިމް ކުރެވޭނެ: ފައްޔާޒް

އިބްރާހިމް ޒަކީ

ކުރިއަށް އޮތްތަނުގައި، 40،000 މީހުންނަށް ރަނގަޅަށް ދިރިއުޅެވޭވަރުގެ ވޯކާސް ވިލެޖެއް ގުޅީފަޅުގައި ގާއިމްކުރުމަށް ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުނުތަކުގެ ކޮމެޓީއަށް، ކޮވިޑް 19 އާބެހޭގޮތުން ކުރަމުން ގެންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ބައެއް ކަންތައްތަކާބެހޭ މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ވޯކާސް ވިލެޖް ގާއިމް ކުރުމަށް ދެ އަހަރު ނަގާނެކަމަށެވެ.

އެ ވިލެޖް ގާއިމް ކުރެވެންދެންވެސް ތޮއްޖެހިފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަނުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވިލެޖް ގާއިމް ކުރުމުގެ ކުރިން އެކަންތައްތަކަށް ކޮންމެސް ވަރެއްގެ ހައްލެއް ހޯދުމަށްޓަކައި، ގުޅީފައިިޅުގައި ހުރި ވީރާނަވަމުންދާ އިމާރާތްތައް ރަނގަޅު ކުރުމަށްފަހު އެތަނަށް 5000 މީހުން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން 15،000 މީހުންނަށް ހުޅުމާޅޭގައި އެކޮމަޑޭޝަންތަކެއް ގާއިމް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް ހަތަރެއް ނުވަތަ ހަމަހުގެ ތެރޭގައި ގާއިމް ކޮށް ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ގޭގޭގައި ތޮއްޖެހި ހިޔާވަހިކަމެއްނެތް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހުޅުމާެލ ފޭސް 2 އަށް ބިދޭސީން ގެންދާން އުޅުނު ކަންތައް އެހާ ރަނގަަޅަށް ނުގެންދެވުނު ކަމަށެވެ. އެއީ އެމީހުންގެ ތެރެއިން ކޮވިޑް 19 ގެ މީހަކު ފެނުމުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމީހުންގެ ކަންތައްް ހަމަޖައްސަނީ އެމީހުން ތޮއްޖެހިފައިވާ ތަންތަނަށް ގޮސްގެން ކަަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިޕްލޭނާ އެއްގޮތަށް ކަންތައް ކުރިއަށް ދިއުމުން، މަލޭ ތެރެ ތޮއްްޖެހިންގެން ދިމާވާ އިޖުތިމާއީ މައްސަލަތައް ހައްލު ލިބޭނެ ކަމަށެވެ.