ކޮވިޑް 19އާ ގުޅިގެން ދައުލަތުން ކުރަމުންގެންދާ އެންމެހައި ކަންކަމާ ގުޅުންހުރި ހާއްސަ އޮޑިޓެއް ކުރަމުން ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިރުޝާދު ދީފިއެވެ.
އޭސީސީން އެގޮތަށް އިރުޝާދު ދީފައިވަނީ ކޮވިޑާ ދެކޮޅަށް ކުރާ ކަންކަމުގައި ކޮރަޕްޝަންގެ ހިރާސް ކުރުމަށް އެ ކޮމިޝަނުން އެކުލަވާލި އިރުޝާދުނާމާގައެވެ.
އޭސީސީން ބުނީ އިރުޝާދުނާމާގެ މައިގަނޑު މަގްސަދަކީ ކޮވިޑާ ގުޅޭ ރެސްޕޮންސް ގޮތުގައި ދައުލަތުން ކުރަމުން އަންނަ މުހިންމު، ބޭނުންތެރި، ބުރަ މަސައްކަތްތަކުގެ މައިގަނޑު މަގްސަދު ހާސިލުކުރުމަށް ކޮރަޕްޝަންގެ ސަބަބުން އެޅިދާނެ ހުރަސްތައް ކުޑަކުރުމަށް، އެޅިދާނެ ފިޔަވަޅުތަކާއި ކުރެވިދާނެ ކަންކަމާ ގުޅޭ އިރުޝާދު ދިނުން ކަމަށެވެ.
އޭގެ އިތުރުން ކޮވިޑާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާޓަކުން ވަކިވަކީން އަދި އެކުގައި ކުރަމުން އަންނަ އެންމެހައި މަސައްކަތްތަކާއި ކަންކަން ކުރަމުންގެންދަނީ ކޮރަޕްޝަންގެ އަމަލުތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަގީންކުރުމަކީ ވެސް އެ އިރުޝާދުނާމާގެ މަގުސަދެއް ކަމަށް އޭސީސީން ބުނެއެވެ.
އެ އިރުޝާދުނާމާގައި ދެފުށްފެނުމާއި ޖަވާބުދާރީވުން ދެމެހެއްޓުމަށްޓަކައި ކޮވިޑާ ގުޅިގެން ދައުލަތުން ކުރަމުން އަންނަ އެންމެހައި ކަންކަމާ ގުޅުންހުރި ހާއްސަ އޮޑިޓެއް މި ހާލަތު ނިމުމުކަށް އައުމުން ކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ހާލަތަށް ބަދަލު ނައިސް ދިގުދެމިގެންދާ ހާލަތުގައި ކަނޑައެޅޭ ވަކި މުއްދަތަކުން އޮޑިޓްކުރަމުން ގެންދިއުމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ކޮވިޑާ ގުޅޭގޮތުން ކުރަމުން އަންނަ އެންމެހައި ހަރަދުތަކުގެ ތަފްސީލު، ކަނޑައެޅޭ ވަކި މުއްދަތްތަކަކުން ފިނޭންސް މިނިސްޓްރީއަށް ރިޕޯޓްކުރުމާއި އެގޮތަށް ރިޕޯޓްކުރެކަން ޔަގީންކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް އޭސީސީން އިރުޝާދުދެއެވެ.
އިގްތިސާދީ ސްޓިމިއުލަސް އަދި ރިލީފާ ގުޅޭ ކަންކަމާއި ކާރިސާއާ ގުޅިގެން އަލަށް ހިންގާ ޕްރޮގްރާމުތަކުގެ ނަޒާހަތްތެރިކަން ޔަގީންކުރުމުގެ ގޮތުން ވެސް ބައެއް ކަންކަމަށް އޭސީސީން ވަނީ އިރުޝާދު ދީފައެވެ.
އެގޮތުން ދައުލަތުން ދޭ އެހީ ލިބޭނީ ކޮން ފަރާތްތަކަކަށްކަން ސާފުކޮށް އެނގުމާއި އެ ފަރާތްތަކަށް ކަނޑައެޅުމަށް ދައުލަތުން ގެންގުޅޭ މިންގަނޑު ރައްޔިތުންނަށް ފެންނަން އޮތުމާއި އިގްތިސާދީ އެހީ ދެވޭ ވިޔަފާރިތަކަށް އެ އެހީ ހަރަދުކުރާ ގޮތްތަކުގެ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ގޮތަށް ކަނޑައެޅުމަށް އިރުޝާދު ދީފައިވެއެވެ.
އޭގެ އިތުރުން އެ އެހީގެ ފައިސާ ހަރަދުކުރާ ގޮތް އާންމުކޮށް ފެންނާނެހެން ރިޕޯޓްކުރަން ޖެހޭގޮތަށް ބޭއްވުމަށާއި އެފަދަ އެހީއާ ގުޅޭގޮތުން ޖަވާބުދާރީ ކުރެވޭނެ ނިޒާމުތައް ކަނޑައަޅައި އާންމުކުރުމަށާއި ސްޓިމިއުލަސް އަދި ރިލީފްނޫން އެހެނިހެން އާ ޕްރޮގްރާމްތައް ހިންގާއިރު އެފަދަ ޕްރޮގްރާމްތަކުގެ ރިސްކު އެސެސްކުރުމަށް އިސްކަންދިނުމަށާއި ރިސްކު އެސެސްމަންޓް ނެހެދޭ ހާލަތުގައި ވެސް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ރެކޯޑުކޮށް އެކަށީގެންވާ ގޮތެއްގައި ބަހަލަހައްޓަމުން ގެންދިއުމަށް އޭސީސީން އިރުޝާދު ދެއެވެ.
އޭސީސީން އިތުރަށް ބުނީ، އިގްތިސާދީ އެކި މަސައްކަތްތައް އާރޯކުރުމަށްޓަކައި ދައުލަތުގެ ފަރާތުން މަސައްކަތްތެރިންނަށް، ދައުލަތުގެ ބިންފަދަ އެކިއެކި ވަސީލަތްތައް ހިލޭ ނުވަތަ އެހެން ގޮތަކަށް ދިންކަމުގައިވިޔަސް އެކަންކުރުމުގައި ނަޒާހަތްތެރިކަމާއި އިންސާފުވެރިކަން އިސްކުރުމަށާއި އަދި ގުޅުންހުރި އެންމެހައި ކަންކަން ތަފްސީލުކޮށް އާންމުކޮށް ހާމަކުރުމަށް އިރުޝާދު ދޭ ކަމަށެވެ.