މީސް މީޑިއާއާއި ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް(ވެމްކޯ) ގެ މުވައްޒަފަކު ދިރިއުޅެމުންދިޔަ ގެއިން ނެރެ މަގުމަތި ކޮށްފައިވަނީ އެކުންފުނީގައި މަސައްކަތް ކުރާތީ ނޫން ކަމަށާއި އެފަދަ ވާހަކަތައް ހަތީގަތް ނުބަލައި އާންމު ނުކުރުމަށް އެކުންފުނިން އެދިއްޖެއެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށް އެމުވައްޒަފާއި އަދި އޭނާ ދިރިއުޅެމުންއައި ގޭބިސީ މީހުންނާއި އެކޯޕަރޭޝަނުން ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އެގޮތުން އެކޯޕަރޭޝަނުން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ދިމާވެގެން އުޅެނީ އެފަދަ މައްސަލައެއް ނޫން ކަމަށެވެ.
އެހެންކަމުން ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މިފަދަ ހާދިސާތައް މަސްލަހަތު ގެއްލޭނެހެން ހަގީގަތާއި ހިލާފު މައުލޫމާތު މީސް މީޑިއާގައި ދައުރު ނުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އެކޯޕަރޭޝަނުން ބުނީ އެމައްސަލައިގެ ހަގީގަތް ނުބަލައި މީސްމިޑިއާގައި އެމައްސަލަ އާންމު ކުރި އެތަނުގެ މުވައްޒަފުން ވެސް ވަނީ އެމައްސަލައިގައި ޝާމިލުވާ މީހުންގެ ކިބައިން މައާފަށް އެދިފައި ކަމަށެވެ.
މީސް މީޑިއާގައި ދައުރުވި އެޕޯސްޓުގައި ބުނެފައިވަނީ ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފަކު އެކޯޕަރޭޝަންގައި ވަޒީފާގައި އުޅޭތީ އެމީހާ ދިރިއުޅެމުން އައި ގެއިން ނެރެ މަގުމަތި ކޮށްފައިވާ ކަމަށެވެ.