ޚަބަރު

ބިދޭސީންނަކީ މުހިންމު ބައެއް، އެމީހުންނަށް ދިމާވާ ދަތިތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: ޓްރާންސްޕޭރެންސީ

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހާލުބަލައި ދިމާވާ ދަތިތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދޭނެ ޖެހޭކަމަށް ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ކުރި ޓްވީޓެއްގައި ބުނީ ބިދޭސީ މަސައްކަތްތެރިންނަކީ ގައުމަށް މުހިންމު، ނާޒުކު ބައެއް ކަމަށާއި، އެހެން ކަމުން މިފަދަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެމީހުންނަށް ދިމާވާ ކަންކަން ބެލުމަށްފަހު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ރާއްޖެއާއި މުޅިދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން ގިނަ ބަޔަކަށް އޭގެ ދަތިކަން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ބިދޭސީ މަސައްކަތްތެރިން ވަނީ މުޖުތަމައުގައި ތަފާތުކޮށް ހަވާސާކުރެވިފައި ކަމަށާއި އެހެންކަމުން އެތަފާތުތައް ނައްތާލައި މިދަނޑިވަޅުގައި އެމީހުންނަށް އެހީތެރިވެދިނުމަށް ޓްރާންސް ޕޭރެންސީ މޯލްޑިވްސްއިން ވަނީ އިލްތަމާސްކޮށްފައެވެ.

ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްޖޭގައި ބިދޭސީ މުވައްޒަފުން އެންމެ ގިނަ އަދަކަށް ހަރަކާތްތެރިވާ ދާއިރާތައް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއޭސީއައި) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެދާއިރާތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތާއި، ޒަރޫރީ ބޭނުންތައް އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ހުރިތޯ ބަލައި ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ.

އެޗްއާރްސީއެމްގެ ޓްވީޓް


ޓްރާންސް ޕޭރެންސީ މޯލްޑިވްސް އިން މިހެން ބުނެފައި މިވަނީ ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ ދަތި މިވަގުތުގައި ބިދޭސީން މަސައްކަތްތެރިންނާއި ދޭތެރޭ ތަފާތުކުރުންތަކެއް ގިނަ ފަރާތްތަކުން ގެންގުޅެމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކިއެކި ޕޯސްޓްތަކާއި ފޮޓޯތައް ދައުރުވަމުންދާ ދުވަސްވަރެއްގައެވެ.

ނަމަވެސް މި މައްސަލާގައި ދިވެހި ސަރުކާރުން ބުނެފައިވަނީ ދިވެހިރާއްޖޭގައި އުޅޭ އެއްވެސް މީހަކު، އެއީ ދިވެއްސެއް ވިޔަސް ނުވަތަ ބިދޭސިއެއް ވިޔަސް ތަފާތު ނުކުރާނެ ކަމަށެވެ.