ކޮވިޑް 19 ދެން މިސްރާބު ޖަހާނީ ރަށްތަކަށް ކަމަށާއި ރަށްރަށުގެ ސިއްހީ އެހީތެރީން ބާރުވެރިކުރުވަން ޖެހޭ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ވިދާޅުވީ މާލެއާއި ހިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިން ކަމަށެވެ. ޑރ. ފައިސަލް ވިދާޅުވީ ރަށް ރަނގަޅަށް ދަންނާނީ އެރަށްރަށުގައި ތިބޭ ސިއްހީ އެހީތެރިން ކަމަށެވެ.
މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މާލެ ސަރަހައްދުގައި އަދި އަތޮޅު ތެރޭގެ އެހެން ރަށްރަށުގައި ޕަބްލިކް ހެލްތުގެ ކަންކަން ތަފާތު ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގައި ޕަބްލިކް ހެލްތު ޔުނިޓެއް ނޯންނާނެ ކަމަށާއި، ޕަބްލިކް ހެލްތުގެ ކަންކަން ބަލަހައްޓާނީ އެޗްޕީއޭއިން ކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. އަދި މާލެއާއި ހިލާފަށް އެހެން ކޮންމެ ރަށެއްގައި ޕަބްލިކް ހެލްތު ޔުނިޓެއް ވަކިން އޮންނަ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ރަށެއްގައި ބައްޔެއް ފެތުރެން ފަށައިފި ނަމަ އެއަށް ފަރުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ޑޮކްޓަރުން ކަމަށެވެ. ނަމަވެސް ރައްޔިތުން ބަލިން ސަލާމަތް ކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ޕަބްލިކް ހެލްތު ޔުނިޓުން ކޮމިއުނިޓީ އެލްތު ވޯކަރުން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
މި ޒިންމާ އެޅިފައިވާ ބައެއްގެ ރޯލު މިފަދަ ދަނޑިވަޅެއްގައި ބޮޑުވާނެ ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވަޒީފާގެ އޮނިގަނޑުން މި ސިއްހީ އެހީތެރިން ކުރިއެރޭނެ ގޮތެއް ނެތްކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ މިއީ އެ އޮނިގަނޑު ބަދަލުކޮށް، ސިއްހީ އެހީތެރިން ބާރުވެރިކުރަން ޖެހޭ ވަގުތު ކަމަށެވެ. އެހެން ކަން ކުރެވިއްޖެނަމަ މިހާރު ކުރިމަތު ވެފައިވާ މި ހާލަތުގެ އިތުރުން ކުރިއަށް އޮތްތާގައިވެސް ސިއްހީ އެހީތެރިން މަސައްކަތް ކުރުމަށް ލިބޭ އިތުރު ހިތްވަރަކަށް ވާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.