ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ހަރަދުކުރަން ނިންމައިފިއެވެ.
"ރާއްޖެ ޓީވީ"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖޭން ބޭރުގައި ހާލުގައި ޖެހިފައިވާ ދިވެހިންނަށް ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެއް މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ.
"ޒަކާތު ފަންޑުން އަޅުގަނޑުމެން ފުރަތަމަ މި ހަރަދުކުރީ ރާއްޖޭން ބޭރުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް، އެއީ ތިން މިލިއަން ރުފިޔާ. މިހާރު އެތެރޭގައި ހާލުގައި ޖެހިފައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިދެނީ އެއް މިލިއަން ރުފިޔާ،" މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ހާލަތަށް ރިއާޔަތްކޮށް ޒަކާތު ފަންޑުން ހަރަދުކުރާ އަދަދު މުރާޖައާކުރާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ކަންކަމާ ގުޅިގެން ހާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"ހާލުގައި ޖެހިފައި ތިބޭ ފަރާތްތަކަށް ދައުލަތުން އެބަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަންތައްތަކެއް ރާވާ. ޖެންޑާ މިނިސްޓްރީން ވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ރާވާފައި. އެ ފަރާތްތަކަށް އެހީވުމަށްޓަކައި މިނިސްޓްރީން ވެސް މިދަނީ މަސައްކަތްކުރަމުން. ޖެންޑާ މިނިސްޓްރީން ކުރާ މަސައްކަތްތަކަށް ޒަކާތު ފަންޑުން ހޭދަތަކެއް ކުރަން ނިންމާފައި މިވަނީ." މިނިސްޓަރު ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިހާތަނަށް ވަންނާނެ ތަނެއް ނެތިގެން 95 މީހަކު ދައުލަތުން ބަލަހައްޓަމުން އަންނަ ކަމަށެވެ.