އިންޑިއާ އިން ކޮވިޑް 19އަށް ފަރުވާކުރުމަށް މިހާރު ދުނިޔޭގައި ބޭނުންކުރަމުން އަންނަ އެންޓި މެލޭރިއާ ބޭހެއް ކަމަށްވާ "ހައިޑްރޮކްސީކްލޮރޯކްއީން" (އެޗްސީކިއު)ގެ 50،000 ބޭސްގުޅަ ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކުރި މި ބޭސް ޝިޕްމަންޓް ރާއްޖެއަށް ގެނެސްފައިވަނީ މިރޭ އިންޑިއާގެ ޗެންނާއީ އިން އައި މޯލްޑިވިއަންގެ ފްލައިޓުގައި ކަމަށެވެ.
އިންޑިއާގައި ކޮންޓްރޯލުކޮށްފައިވާ އެޗްސީކިއު ބޭހުގެ ޝިޕްމަންޓެއް އެގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ދެގައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ ރަމްޒެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ވަނީ، މިފަދަ ދަނޑިވަޅެއްގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.
އިންޑިއާއިން އެޗްސީކިއު ބޭހުގެ ޝިޕްމަންޓެއް ރާއްޖެ ފޮނުވާފައިމިވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރެއްވިތާ 48 ގަޑިއިރު ނުވަނީހެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ، ބޮޑުވަޒީރު މޯދީ އާއި ރައީސް ސޯލިހު މަޝްވަރާކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޗްސީކިއު ބޭހުގެ ސްޕަލައި ރާއްޖެއަށް ފޯރުކޮށްދިނުމަކީ ދެގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ޕޮލިސީއާއި ރާއްޖޭގެ "އިންޑިއާ ފަސްޓް" ޕޮލިސީގެ ބަދަހިކަމުގެ ރަމްޒެއް ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.
އެޗްސީކިއު ބޭސް ސަޕްލައިގެ 70 ޕަސެންޓް އުފައްދާ ގައުމަކީ އިންޑިއާއެވެ. އެގޮތުން ލުޕަސް އަދި ރޫމަޓޮއިޑް އާތުރައިޓިސްގެ ފަރުވާއަށް ވެސް ބޭނުންކުރެވޭ އެޗްސީކިއު ބޭސް އަދި އޭޕީއައި އިންޑިއާގައި އުފައްދާ އެންމެ ބޮޑު ދެ ކުންފުންޏަކީ ޒައިޑަސް ކެޑިލާ އަދި އިޕްކާ ލެބްސްއެވެ.
އެކުންފުނިތަކުން ވަނީ މިދަނޑިވަޅުގައި އެ ބޭހުގެ ޑިމާންޑު ފުރިހަމަކުރުމުގެ ގޮތުން ޕްރޮޑަކްޝަން ވެސް އިތުރުކޮށްފައެވެ.