ޚަބަރު

ފިހާރަތަކާއި ހޯލްސޭލްކުރާ ތަންތަނާއި ގުދަންތައް ޑިސްއިންފެކްޓް ކުރާނެ ގޮތް އެޗްޕީއޭއިން އާންމުކޮށްފި

އަލީ ޔާމިން

ކޮވިޑް 19އާ ގުޅުވައިގެން ފިހާރަތަކާއި ހޯލްސޭލް ކުރާ ތަންނަނުގެ އިތުރުން ގުދަންތައް ޑިސްއިންފެކްޓް ކުރާނެ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ފިހާރަތަކާއި ހޯލްސޭލްކުރާ ތަންތަން އަދި ގުދަންފަދަ ތަންތަނުގައި ހުންނަ ކާބޯތަކެއްޗާއި އެހެނިހެން މުދާ، އެއްތަނުން އަނެއްތަނަށް ގެންގޮސް އުފުލުމަށާއި، ގެންގުޅުމުގައި ކޮވިޑް 19 ޖެހިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ޔޫއެސްގެ ސީޑީސީއިން ބުނެފައި ނުވާކަމަށެވެ. ނަމަވެސް މިތަކެތި ގެންގުޅުމުގައި އަދި އެއްތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ މީހުން ސައިބޯނިލައިގެން ގިނައިން އަތްދޮވުމަށް ނުވަތަ ސެނިޓައިޒާ ލިބެން ހުރިނަމަ ބޭނުންކުރުމަށް ބާރު އަޅާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އެއްވެސް ކާބޯއެއްޗެއް ޑިސްއިންފެކްޓް ކުރާއިރު ބްލީޗް ފަދަ ކެމިކަލްތައް ބޭނުންކުރުން ނުވަތަ ސްޕްރޭ ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. ކާބޯތަކެތި އުފުލާއިރު އަންގި ބޭނުންކުރުމަކީ އެންމެ ރައްކާތެރި ގޮތްކަމަށާއި، އަންގި ނެތް ހާލަތުގައި އެތަކެތި އުފުލުމުގެ ކުރިންނާއި ފަހުން ސައިބޯނި ލައިގެން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން ރަނގަޅަށް އަތް ދޮންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ތަންތަނާއި ގެންގުޅޭ ތަކެތި ސާފުކުރާއިރު އަންގިއާއި ފޮތި މާސްކު ބޭނުން ކުރަން ޖެހޭ ކަމަށާއި، ސާފުކުރާ ވަގުތު ދޮރުތައް ހުޅުވައިގެން ވައި ދައުރުވާ ގޮތަށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ސާފުކުރަން ބޭނުންކުރާ ތަކެއްޗަކީ މުއްދަތު ހަމަނުވާ ތަކެތިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އާންމުކޮށް އަތްލާ ތަންތަން ގިނައިން ސާފުކުރުމަކީ ވެސް މުހިންމު ކަމެއްކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ޑިސްއިންފެކްޓް ކުރުމަށް ލައްފިލުވާ ސޮލިއުޝަން ހެދުމަށް އަމަލުކުރަން ޖެހޭނެ ގޮތަކީ އެއް ލީޓަރު ފެނަށް 120 އެމްއެލް ލައްފިލުވާ އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލުން ކަމަށެވެ. ލައްފިލުވާ ސޮލިއުޝަން ގިނަވެގެން ބެހެއްޓޭނީ 24 ގަޑިއިރުވަންދެން ކަމުގައިވެސް އެޗްޕީއޭއިން ބުނެއެވެ.

އިލްކެޓްރޯނިކް ސާމާއި ދަގަނޑު ސާމާނު ސާފުކުރާއިރު ލައްފިލުވާ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށާއި އެގޮތުން އެތަކެތި ސާފުކުރުމަށް ސެނެޓައިޒާ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އެޗްޕީއޭއިން ބުނީ ފިހާރަތަކާއި ހޯލްސޭލް ކުރާ ތަންތަނުގައި މަސައްކަތްކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެތަންތަން އަލުން ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ޑިސްއިންފެކްޓް ކުރަން ޖެހޭނެ ކަމަށެވެ.