ޚަބަރު

ކޮވިޑް 19ގެ ސަބަބުން އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށް އދ. އިން ސާވޭއެއް ފަށައިފި

އަލީ ޔާމިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށް އދ.ގެ ވުމަން ކައުންޓުން އޮންލައިން ސާވޭއެއް ފަށައިފިއެވެ.

އދ.ގެ ވުމަން ކައުންޓުން އެ ޖަމިއްޔާގެ ވެބްސައިޓުގައި ފެށި އެ ސާވޭގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭއިރު، ވުމަން ކައުންޓުން ބުނީ، ސާވޭގައި މީހުން ދޭ މައުލޫމާތު ތަކަކީ އިތުރު އެއްވެސް ފަރާތަކާއި ހިއްސާކުރާނެ މައުލޫމާތެއް ނޫން ކަމަށެވެ.

ގިނަ ސުވާލެއްގެ މައްޗަށް އެކުލެވޭ އެ ސާވޭގައި، ކޮވިޑް 19ގެ މައުލޫމާތު އެމީހަކު ހޯދާ ގޮތާއި، އެމީހުންގެ އުމުރާއި، ގައުމާއި، މިނޫންވެސް ގިނަ ސުވާލުތަކަށް ޖަވާބުދޭން ޖެހެއެވެ.

މީގެ އިތުރުން ކޮވިޑުގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވޭތޯއާއި، ގެއަށް ބޭނުންވާ އަސާސީ ތަކެތި ލިބޭތޯ އާއި، ސިއްހީ ހިދުމަތްތައް އެކަށީގެންވާ ގޮތުގައި ލިބޭތޯވެސް އެ ސާވޭގައި ބަލައެވެ.

އދ.ގެ ވުމަން ކައުންޓުގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު އެ ސާވޭގައި ބައިވެރިވުމެވެ.